
ދިފާއީ ވަކީލުން ހެކިވެރިންނަށް ބިރު ދައްކާކަމަށް ގާޒީއަކު ވިދާޅުވި މައްސަލައަކާ ގުޅިގެން އެކަން ރާއްޖޭގެ ބާ ކައުންސިލްއިން މިއަދު ކުށްވެރިކޮށްފިއެވެ.
2018ވަނަ އަހަރު އެމްއެމްއޭ ކައިރިއަށް ލޯންޗަކުން ފޭބި އިބްރާހިމް އާގިލް މަރައިލި މައްސަލައިގެ ޝަރީއަތް ނިމުނު ގޮތުގެ ހުކުމްގެ ހުލާސާ މިއަދު ކްރިމިނަލް ކޯޓުން އާންމުކޮށްފައިވާ އިރު އޭގައި ބުނެފައިވާ ގޮތުގައި ދިފާއީ ގޮތުން ވަކާލާތުކުރާ ވަލީކުން ހެކިންނަށް އެެކި ގޮތްގޮތުން ބިރު ދައްކާ ކަމަށާއި މިއީ އަދަލު އިންސާފުގެ ނިޒާމަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށް ވެސް ބުނެފައި ވެއެވެ.
ނަމަވެސް ބާ ކައުންސިލްއިން މިރޭ ނެރުނު ބަޔާނުގައި ބުނީ ގާނޫނީ ވަކީލެއްގެ އެހީތެރިކަން އޮންނަ ހައްގު ފޯރުކޮށްދޭ ވަކީލުންނަށް ނިސްބަތްކޮށް އެ ވަކީލުންނަކީ ކުށްވެރިން ނުވަތަ ކުށުގެ އަމަލު ހިންގާ ފަރާތްތަކެއް ކަމަށް އާންމުންނަށް ދޭހަވާ ގޮތަށް އެއްވެސް ހެއްކަކާ ނުލައި ދައުލަތުގެ އިދާރާއަކުން ޝަރުއީ ކޯޓަކުން ނުވަތަ އާންމު ފަރާތަކުން ވެސް އެފަދަ ތުހުމަތު ރައްދުކުރުން ކުށްވެރިކުރާ ކަމަށެވެ.
އަދި އެއީ އިންސާފުގެ ޝަރީއަތުގެ ހައްގަށް ހުރަސް އެޅިގެންދާނެ އަދި އަދަލު އިންސާފުގެ ނިޒާމާމެދު އޮންނަ އިތުބާރު ގެއްލޭނެ ކަމެއް ކަމަށް ވެސް ބާ ކައުންސިލްއިން ބުންޏެވެ. އަދި ދިފާއީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތްކޮށް އަސާސެއް ނެތް ތުހުމަތުތައް ކުރުމުން ދުރުހެލިވުމަށް ވެސް ބާ ކައުންސިލްއިން ގޮވައިލިއެވެ.

