
2023ގެ ރިޔާސީ އިންތިޚާބުގެ ދުވަސްވަރެވެ. އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ އެތެރޭގައި ، ބޮއިކަޓްގެ ކަސްތޮޅުން ބަންދުވެ ނުނިކުމެވި އޮތް “ރިޔާސީ ޓިކެޓް” އެންމެ ފަހު ވަގުތު ޑރ.މުޢިއްޒު ކާމިޔާބު ކުރައްވައި ފޯމް ހުށަހަޅުއްވައިފިއެވެ. އޭރު ރިޔާސީ ރޭހުގެ ސަފުތައް ރުކުރުވައިލެވި ކެނޑިޑޭޓުން އެކޮޅާއި މިކޮޅަށް ދުވަނީއެވެ. ދުއްވަނީއެވެ. ރިޔާސީ ކެނޑިޑޭޓް ޑރ.މުޢިއްޒުގެ މަސައްކަތް ތަރުތީބު ކުރައްވަން ޖެހިވަޑައިގަތީ އެހެން ކޮންމެ ކެނޑިޑޭޓެއް 2 ގަޑިއިރުން ކުރައްވާ މަސައްކަތް 1 ގަޑިއިރަށް ފައްތަވައިގެންނެވެ.
އިސާހިތަކު ކެންޕޭން ފެށިއްޖެއެވެ. ދަތުރުތައް ރާވައިލެވި ކެންޕެއިންގެ ޖޯޝާއި ފޯރި ގެނުވައިދޭ ލަވަތަކާއި އަޑުތައް ކަންފަތުގައި ޖެހެން ފަށައިފިއެވެ. އިދިކޮޅު ހިންގެވުމާ އޭރު ޙަވާލުވެ ހުންނެވި އަދި ސިޔާސީ ވިސްނުންތެރި މަސައްކަތްތަކެއް ކުރެއްވި ، ޢަބްދުއްރަޙީމް ޢަބްދުﷲގެ މޮޅު ޅެންވެރިކަމާ އެކު ، ކުޅަދާނަ ފަންނާނު ޢައްފާނުގެ މިޔުޒިކާއި އަޑުން “ދިވެހީންގެ ރާއްޖޭ”ގެ ރަސްމީ ލަވަ މުޅި ރާއްޖެއިން އިވެން ފަށައިފިއެވެ.
“އިރު އުދަވެ އަސްތަ ވަންޏާ ، އަލިކަން ފިލާ ނުދާނޭ
ދިރުމެއްގެ ރޫޙު ވަންޏާ ،އުއްމީދު ގައިމު ވާނޭ”.
ކެންޕެއިންގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި އެންމެ އުތުރުގެ އަތޮޅުތަކަށް ވަޑައިގަތުމަށް ފަހު ދެން ޑރ.މުޢިއްޒަށް މަރުޙަބާ ދެންނެވުމަށް ތައްޔާރުވީ ރ.އަތޮޅެވެ. އެގޮތުން އެންމެ އުއްމީދީ ކެނޑިޑޭޓް ޑރ.މުޢިއްޒަށް ރަށްރަށުން ކިޔަމުން ދިޔަ ހޫނު މަރުޙަބާއަށް ވުރެ ވަރުގަދަ ،ފޯރިގަދަ މަރުޙަބާއަކަށް އެ އަތޮޅުގެ މީދޫން ވެސް ތައްޔާރުވަމުން ދިޔައެވެ.ރަށުގެ ޕާޓީގެ އިސް މެންބަރުންނާ އެކު މަސައްކަތް ކުރަމުން އެ ރަށަށް ނިސްބަތްވާ ޕީއެންސީގެ ސެނެޓް މެންބަރު މުޙައްމަދު އާސިމް އުޅުނީ މަރުޙަބާގެ ލަވައެއް ހެދުމުގެ މަސައްކަތުގައެވެ. ޅެމާއި ލަވަ ލިޔުމުގައި ފަންނުވެރި އެ ރަށުގައި ނަން ހިނގާ ، އޭނާގެ މިސް މަރިޔަމް އިބްރާހީމްއަށް ގުޅައި ލަވަ ލިޔެލަދޭން އެދުނުތާ އެންމެ 15 ވަރަކަށް މިނެޓް ތެރޭގައި ލަވަ ލިބިއްޖެއެވެ. ސޮބާގެ މިޔުޒިކާއި އަޑުގެ އިތުރުން އެ ލަވަ ހިތަށް ވިރިގެން ދިޔައީ ރާފިޢަތުގެ ހިތްގައިމު އަޑުންނެވެ.
މިއީ ކެންޕެއިނަށް ހެދި އެތައް ލަވައެއް ބަލިކޮށް ، އެ އޮތް ފޯރިގަދަ ކެންޕޭން ފަތަހަކުރި ލަވައެވެ. މިއަދު ޕީއެންސީގެ ކޮންމެ ޙަރަކާތަކުން އިވޭ ، ސަޕޯޓަރުން ކައްކުވައިލާ މަޝްހޫރު “ޝަޚްޞިއްޔަތު ލަވަ”އިގެ ފެށުމެވެ. ރައީސް ޑރ.މުޢިއްޒުގެ ވެރިކަމަށް ދެއަހަރު ފުރުމާ ދިމާކޮށް މި ލަވައިގެ ވާހަކަތައް “ދެން”އާ ހިއްސާކޮށްދިނީ ލަވަ އުފެއްދި އާސިމްއާއި ލަވަ ލިޔުނު މަރިޔަމް މިސްއެވެ.
ބޭނުންވީ ފޯރިގަދަކޮށް މަރުޙަބާ ދަންނަވަން
ލަވަ އުފެދުނު ގޮތާ ގުޅޭ ގޮތުން އާސިމް ބުނީ ރ.މީދޫއަކީ ޕީޕީއެމް،ޕީއެންސީގެ ފިކުރު ރާއްޖޭގައި އެންމެ ބޮޑު އެއް ރަށްކަމަށް ވުމާ އެކު އެންމެން ވެސް ބޭނުންވީ ފޯރިގަދަކޮށް ވަރުގަދަ މަރުޙަބާއެއް ދަންނަވަން ކަމަށާއި ލަވަ ތައްޔާރުކުރީ ވެސް އެ ގޮތުގެ މަތީން ކަމަށެވެ. އަދި ލަވައިގެ ރާގު އިޚްތިޔާރުކުރީ އެއީ އޭނާއަށް އަބަދުވެސް ވަރަށް ރީތި ރާގަކަށްވެފައި ކެންޕެއިނެއްގައި ފޯރިގަދަ ވާނެ ރާގެއްކަމަށް ވެސް ވިސްނޭތީ ކަމަށެވެ.
“މިސް (މަރިޔަމް) ވަރަށް މޮޅުވާނެ، ބޭނުންވާ ގޮތް ބުނީމަ އެ ލަވައެއް ލިބޭނެ އިރުކޮޅެއްގެ ތެރޭ” މިސްގެ ހުނަރަށް ތައުރީފްކުރަމުން އާސިމް ބުންޏެވެ.
ހިތަށް ސިފަވީ ސިނަމާލެ ބުރިޖް މަސައްކަތް ބައްލަވަން ހުންނެވި ޑރ.މުޢިއްޒު އަދި އެ ހިނިތުންވުން
ޕީއެންސީގެ ޙަރަކާތްތަކުގެ އެންމެ ފޯރި ގެނުވާ އަދި އެންމެން ކައްކުވައިލާ މި ލަވަ އާންމުންގެ ތެރޭގައި މަޝްހޫރުވެފައި އޮންނަނީ “ޝަހްސިއްޔަތު ލަވަ”އިގެ ގޮތުގައެވެ. މިސް ބުނީ އޭރު ޑރ.މުޢިއްޒު މާބޮޑަށް ނޭނގޭ ކަމަށާއި ވިސްނައިލުމުން ހިތަށް ސިފަވީ ސިނަމާލެ ބުރިޖްގެ މަސައްކަތް ބައްލަވަން ބުރިޖު މަތީ ހުންނެވި ޑރ.މުޢިއްޒުކަމަށެވެ.
“އާސިމް ބުނީ ޑރ.މުޢިއްޒަށޭ އަމާޒުކުރަން ވާނީ ، ދެން ވިސްނައިލި އިރު ތަސައްވަރު ކުރެއްވުނީ ސިނަމާލެ ބުރިޖު މަސައްކަތުގައި އެ ހެދުން އަޅުއްވައިގެން އެ ހެލްމެޓް އަޅުއްވައިގެން ހުންނެވިތަން ، ވަރަށް ވަންތަކޮށް ފެނުނީ ، ދެން އެ ތަނުން އަޅުގަނޑަށް ޝަހްސިއްޔަތު ނެގުނީ” މަރިޔަމް ކިޔައިދިނެވެ.
އޭގެ އިތުރުން ރައީސްގެ ޢިލްމުވެރިކަމާއި އެ މަނިކުފާނުގެ ޝަހްސިއްޔަތު ހިތަށް އައި ގޮތް ސިފަކޮށްދެވޭތޯ ބެލިކަމަށް އޭނާ ކިޔައިދިނެވެ.
“އަބަދުވެސް ހިނިތުންވެ ހުންނަ ތަން ދެއްތޯ ފެންނަނީ ،އެ ގޮތުން ޚުލްގެއް ރިވެތި ލިބިވީ ޝަހްސިއްޔަތު ހޮވަމާހޭ ލިޔުނީ”
” ފެނިލައިފި ރިޔާސީ ރޭހުން އެކި ނަންނަން،
އެހެނަސް ގައިމޭ މާ ތަފާތޭ އެއް ނަން،
ހީރާ އެ ވަނީ ހަތަރެއްގައި ، އެ ނަގާށޭ
ވިދުވަރު ވާނޭ ގައުމު ރޯޝަން ވާނޭ “

ލަވައިގެ ޓީމާ ރައީސް ބައްދަލު ކުރެއްވުން
އާސިމް ބުނީ ރައީސް ރ.މީދޫއަށް ވަޑައިގަތުމުން މަރުޙަބާ ދެންނެވުމަށް އޮތް އެހައި ގިނަ މީހުންގެ ތެރޭ އެ ލަވަ ގުގުމާލުމުން އެންމެންނަށް ވެސް ވަރަށް ކަމުދިޔަ ކަމަށެވެ.
“ރައީސަށް އެ ލަވަ ވަރަށް ބޮޑަށް ކަމުގޮސްގެން (ރައީސް އޮފީސް މިނިސްޓަރ)ހެރިންސް އަބްދުﷲ ބުނީ ލަވަ ދޭށޭ ، ދެން އޭގެ ފަހުން ހުރިހާ ރަށެއްގައި ވެސް އެ ލަވަ ޖަހާ މަޝްހޫރުވީ”އާސިމް ބުންޏެވެ.
އާސިމް ބުނީ އެހާ ބޮޑަށް އެ ލަވަ ކަމުދިޔަ ސަބަބެއްކަމަށް ދެކެނީ ފޯރިގަދަ ރާގަކަށް ވުމާ އެކީ ޅެމުގެ މޮޅުކަމާއި ކިޔުން ވެސް މޮޅުވުން ކަމަށެވެ. ޚާއްޞަކޮށް އޭނާއަށް އެންމެކަމުދާ އަދި އެ ލަވަ ކިޔުއްވަން އޭނާ އެންމެ ފުރަތަމަ ވެސް ބޭނުންވި ރާފިޢަތުގެ މޮޅުކަން އޭނާ ފާހަގަކުރިއެވެ. ރައީސް ވެސް އެ ކަންކަން ފާހަގަކުރެއްވިކަމަށް އޭނާ ބުންޏެވެ.
“ކެންޕެއިން ނިންމައި ރައީސް ގުޅުއްވީ ލަވައިގެ ޓީމާ ބައްދަލުކުރައްވަން ، (ބައްދަލުކުރައްވައި) ވިދާޅުވި ޅެން ރީތި ވާހަކައާއި މުޅި ލަވަ ވަރަށް މޮޅުކަން” މިހާރު 3 ވަރޝަން ހިމެނޭ މި ލަވައާ ގުޅޭ ގޮތުން އާސިމް ބުންޏެވެ.

ދިވެހީންގެ ރާއްޖެ ކެންޕެއިންގައި އެކި ފެންވަރުގެ ގިނަ ލަވަތަކެއް އިވިގެން ދިޔައެވެ. ޚާއްޞަކޮށް އޮފިޝަލް ލަވަތަކުގެ ގޮތުގައި މަޝްހޫރުވި ޢައްފާންގެ “ދިވެހީންގެ ރާއްޖެ”އާއި ކުޑަ އިއްބެގެ “ދިވެހީންގެރާއްޖެ”ހިމެނެއެވެ. އަދި ރައީސް މުޢިއްޒު ،މޭޔަރގެ ކެންޕެއިންގައި ބޭނުން ކުރެއްވި ތުރުކީގެ ރާގަކަށް ހެދި ލަވަ ކުޑައިއްބެގެ “ދިވެހީންނަށް ފަހި ރާއްޖެއަކަށް”ވެސް ހިމެނެއެވެ. ނަމަވެސް އެ ހުރިހާ ލަވައެއް ހަނދުމަ ނެތިކޮށް ފަހަތަށް ޖައްސައި ކުރި ހޯދީ އާސިމްގެ ލަވައެވެ. ޕީއެންސީގެ އަދި ޑރ.މުޙައްމަދު މުޢިއްޒުގެ ، ސިގްނޭޗަރ ލަވަ “ޝަހްސިއްޔަތެވެ.”

