
ދިވެހި ބަހުގެ އެކެޑަމީގެ ރައީސްއަކަށް ޅެންވެރިޔާ ހަސަން ޝާކިރު މުހައްމަދު އިންތިހާބުވެޑައިގެންފި އެވެ.
ބަހުގެ އެކެޑެމީގެ ރައީސްގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ޑރ. އަޝްރަފް އަބްދުއްރަހީމް މިދިޔަ އަހަރު ނިމުނުތަނުން އިސްތިއުފާ ދެއްވުމުން ނެވެ.
އެހެންވެ މިއަދު ހެރިޓޭޖް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ވަނީ އެ މަގާމަށް ބޭފުޅަކު އިންތިހާބުކުރަން ވޯޓު ލައިފަ އެވެ.
“ދެން”އަށް އެނގިފައިވާ ގޮތުން އެންމެ ގިނަ ވޯޓު ލިބިގެން ބަހުގެ އެކެޑެމީގެ ރައީސްގެ މަގާމަށް ހޮވުނީ ޝާކިރު އެވެ.
ޝާކިރުއަކީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުންނާއި، އަދަބިއްޔާތު ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްޕުޅުތަކެއް ކޮށްދެއްވަމުން ގެންދަވާ ބޭފުޅެކެވެ.
ޝާކިރުއަށް ވަނީ، ދިވެހި ޅެންވެރިކަމުގެ ރޮނގުން 1998 ވަނަ އަހަރު، އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު، އަދި 2007 ވަނަ އަހަރު، ދިވެހި އަދަބިއްޔާތަށް ހިދުމަތް ކުރުމުގެ ދާއިރާއިން، ދިވެހިބަހުން ވާހަކަދެއްކުންތެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު އަރުވާފަ އެވެ.

