މި އަހަރު ރާއްޖެއިން ހައްޖުގެ އަޅުކަމަށް ދިޔަ ހުރިހާ ހައްޖުވެރިން އަރަފާތު ބިމަށް ގޮސްފި އެވެ.
ހައްޖުވެރިން އަރަފާތު ބިމަށް ދިއުމަށް ދަތުރު ފަށާފައި ވަނީ ރޭގެ ވަގުތެއްގަ އެވެ. ދިވެހި ހައްޖު މިޝަނުން ބުނީ މައްކާ ގަޑިން 3:30 ވީއިރު، ދިވެހި ހުރިހާ ހައްޖުވެރިންނަށް އަރަފާތު ޓެންޓުތަކާ ހަމައަށް ދެވިފައިވާ ކަމަށެވެ.
ހުރިހާ ހައްޖުވެރިންގެ ހާލު ޖުމްލަ ގޮތެއްގައި ރަނގަޅު ކަމަށާއި ހައްޖުވެރިން މިއަދު ވަގުތުތައް ހޭދަކުރާނީ އަރަފާތުގައި ގާއިމުކޮށްފައިވާ ޓެންޓުތަކުގައި ކަމަށް އެ މިޝަނުން ބުންޏެވެ.
ދިވެހި ހައްޖުވެރިން އަރަފާތުގައި ތިބުމަށް ހާއްސަކޮށްފައިވާ ޓެންޓުތައް ކައިރީ ހުންނަވައި މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވީ ޓެންޓުތަކަށް ހައްޖުވެރިން ގެނައުމުގެ މަސައްކަތް ފެށި ހިސާބުން އެ ކޯޕަރޭޝަނުން މަސައްކަތް ކުރަމުން ދިޔައީ މިއަދުގެ އިރުއެރުމުގެ ކުރިން ހުރިހާ އެންމެން އެ ބިމަށް ގެނައުމަށް ކަމަށެވެ.
“ފަތިހު ތިންގަޑި ބައިވީއިރުގައި އަޅުގަނޑުމެންނަށް ހުރިހާ ހައްޖުވެރިން ގެނެސް އަރަފާތު ޓެންޓުތަކަށް ވެއްދި، ސެޓްލް ވެވިއްޖެ،” ދިވެހި ހުރިހާ ހައްޖުވެރިންގެ ހާލު ރަނގަޅުކަން ފާހަގަކުރައްވާ ޝަކީލް ވިދާޅުވި އެވެ.
މި އަހަރު ރާއްޖެއިން އެއްހާސް މީހުން ވަނީ ހައްޖުގެ އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ގޮސްފަ އެވެ. ހުރިހާ ހައްޖުވެރިން ވެސް ދިޔައީ ހައްޖު ކޯޕަރޭޝަނުގެ ހަވާލުގަ އެވެ.
ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި މި އަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީއަރަބިއްޔާ އަށް ޒިޔާރަތްކުރި ހުރިހާ ޙައްޖުވެރިން މިހާރު ތިބީ ޢަރަފާތު ބިމުގައި#MHCLHajj1446H pic.twitter.com/0hcX3p1hpY
— Maldives Hajj Corporation Limited (@Hajjcorporation) June 5, 2025
ހައްޖު މަހުގެ ނުވަ ވަނަ ދުވަހުގެ މެންދުރުފަހު އަރަފާތުގައި މަޑުކުރުމަކީ ހައްޖުގެ އެންމެ މުހިންމު ރުކުނެވެ. އެ ބިމަށް ދުވަހުގެ އިރުއޮއްސުމުގެ ކުރިން ނުދެވޭ މީހުންނަށް ހައްޖު ނުލިބޭނެ އެވެ.
އަރަފާތަށް ދިޔުމަށް ފަހު ހައްޖުވެރިން މުޒްދަލިފާގައި ރޭ ކުރާނެ އެވެ. މުޒްދަލިފާގައި ރޭ ކުރުމަށް ފަހު ބޮޑު ޖަމްރާއަށް ހިލައުކުން ކުރިއަށް ގެންދިޔުމަށް ފަހު ހަދްޔު ކަތިލާނެ އެވެ. އެއަށް ފަހު މިނާގައި ރޭ ކުރުމަށް ފަހު، ތިން ޖަމްރާއަށް ހިލަ އުކާނެ އެވެ.
އެއަށް ފަހު ހައްޖުވެރިން ދެން ދާނީ ތަވާފުލްއިފާޟާ ކުރުމާއި ސަފާ ފަރުބަދަ އާއި މަރްވާ ފަރުބަދަ އާ ދެމެދު ސައުޔު ކުރުމަށެވެ. ހައްޖުވެރިންގެ އެންމެ ފަހު ކަމެއްގެ ގޮތުގައި ކުރިއަށް ގެންދާނީ ވަދާއުގެ ތަވާފުކޮށް ހައްޖުގެ އަޅުކަން އަދާކޮށް ނިންމުމެވެ.