
ދިވެހިން ސީރިއާއަށް ދަތުރުކުރުން ހުއްދަކޮށް، ރާއްޖޭން ކަނޑައަޅާ ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓުން އެގައުމުގައި މިހާރު ވެރިކަން ކުރާ ހަޔާތު ތަހްރީރު އަލް ޝާމް (އެޗްޓީއެސް) އުނިކޮށްފިއެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން، ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ މަޝްވަރާގެ ދަށުން، އަހަރަކު އެއްފަހަރު ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓު އާންމުކުރަން ޖެހެއެވެ.
2019 ވަނަ އަހަރުން ފެށިގެން ދިވެހިން ސީރިއަށް ދިއުން އޮތީ މި ލިސްޓުގެ ދަށުން މަނާކޮށްފައެވެ. ނަމަވެސް މިއަހަރު ނެރުނު ލިސްޓުގައި، ސީރިއާއަށް ދަތުރުކުރުން ހުއްދަކޮށް، އެގައުމުގައި ވެރިކަން ކުރާ އެޗްޓީއެސް ވަނީ ނަގައިފައެވެ. މީގެ ކުރިން ސީރިއާގެ ހުރިހާ ސަރަހައްދަކީ ހަނގުރާމަވެރި ސަރަހައްދުތަކެއްގެ ގޮތުގައި ރާއްޖޭން އޮތީ ކަނޑައަޅާފައެވެ.
ދިވެހި ސަރުކާރުން މިބަދަލު ގެނެސްފައި މިވަނީ، ދުނިޔޭގެ ނުފޫޒުގަދަ ގައުމުތަކުން، އެޗްޓީއެސް ބަލައިގަންނަމުންދާ ދަނޑިވަޅެއްގައެވެ. އޭގެތެރޭގައި އެމެރިކާވެސް ހިމެނެއެވެ.
އެޗްޓީއެސް އަކީ ސީރިއާގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތަކެވެ. މި ޖަމާއަތުން ސީރިއާގެ ވެރިކަމަށް އައިސްފައި ވަނީ 2024 ވަނަ އަހަރު އެގައުމުގެ ކުރީގެ ރައީސް ބައްޝާރުލްއަސަދުގެ ވެރިކަން ކުއްލި ގޮތަކަށް ވައްޓައިލުމަށްފަހުއެވެ.
ގާނޫނުގައިވާ ގޮތުން، މި ލިސްޓު ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ އިރުޝާދުގެ ދަށުން ބަލަހައްޓާނީ ސިފައިންނެވެ.

