![]()
ހއ.ދިއްދޫގެ އެއާޕޯޓު މަސައްކަތްކުރުމަށާއި، އިތުރު ކަންކަމަަށް ބޭނުންކުރަން ރަށަށް އިތުރުކުރާ ބިން ހިއްކުމަށް ދުނިޔޭގެ ތިންވަނައަށް އެންމެ ބޮޑު ޑްރެޖަރު މިއަދު އެ ރަށުގައި ބަނދަރުކޮށްފިއެެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ހިންގާ މި މަޝްރޫއުގައި ދިއްދޫ 110 ހެކްޓަރުގެ ބިން ހިއްކާނެއެވެ. މިއީ ދިއްދޫގެ މިހާރުގެ ބިމަށް ވުރެ ބޮޑު ސަރަހައްދެކެވެ. ހިއްކާ ބިން ބޭނުން ކުރާނީ ބޯހިޔާވަހިކަމުގެ މަޝްރޫޢު ހިންގުމާއި ދިއްދޫގައި އެއާޕޯޓް އެޅުމަށެވެ.
ބިން ހިއްކުމުގެ ރަސްމިއްޔާތަށް ވާންޖެހޭ ތައްޔާރީތައް ދިއްދޫ ކައުންސިލާއި އެމްއޭސީއެލް ގުޅިގެން މިހާރު އަންނަނީ ކުރަމުންނެވެ.
ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން އެ ރަށުގެ ބިމަށް 110 ހެކްޓަރުގެ ބިމެއް އިތުރުކުރާނެއެވެ. ދިއްދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު އަބްދުއްލަތީފު މުހައްމަދު ވިދާޅުވީ އިތުރުކުރެވޭ ބިމަކީ އެއާޕޯޓު ތަރައްގީކުރުމުގެ އިތުރަށް ވެސް ރަށުގެ ތަރައްގީއަށް ބޭނުންވާ މުހިއްމު ގިނަ މަސައްކަތްތަކަށް މަގުފަހިކުރުމަށް ބޭނުންކުރެވޭނެ ބިމެއް ކަމަށެވެ.
މެންބަރު ވިދާޅުވި ގޮތުގައި އެއާޕޯޓަކީ ދިއްދޫގެ މުސްތަގުބަލަށް އިންގިލާބީ ބަދަލެއް ގެންނާނެ ބިޔަ މަޝްރޫއެކެވެ. އެގޮތުން އެއާޕޯޓާ އެކު ދިއްދޫގައި ފަތުރުވެރިކަން ތަރައްގީކޮށް، ވިޔަފާރިތައް ފުޅާކުރުމަށް ގިނަ ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމުގައި މެންބަރު ފާހަގަކުރެއްވިއެވެ.
ހިއްކާ ބިމުގައި އެއާޕޯޓަށް ބޭނުންވާ އިތުރު ހިދުމަތްތަކާއި އައު ވިޔަފާރިތައް ގާއިމުކުރެވިގެންދާއިރު، ދިއްދޫ ރައްޔިތުންނަށް ގިނަ އަދަދެއްގެ ވަޒީފާގެ ފުރުސަތުތައް ލިބިގެންދާނެ ކަމުގައި ވެސް މެންބަރު ދެކެވަޑައިގަންނަވައެވެ.
ދިއްދޫގެ ބިން ހިއްކުމުގެ މަޝްރޫއުއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެ ރަށުގެ ރައްޔިތުންނަށް 2023ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެވަޑައިގެންފައިވާ ވައުދުފުޅެވެ.
