ނ. ފޮއްދޫގައި ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކަށް ރައްޔިތުންގެ މަޖިލީހުގައި އެ ދާއިރާ ތަމްސީލުކުރައްވާ އެމްޑީއޭގެ މެންބަރު މުހައްމަދު އައްބާސް ގެންދަވަނީ ހުރަސް އަޅަމުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އަތޮޅު ތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް ވަނީ ފޮއްދޫގައި ސަރުކާރުން ކުރިއަށް ގެންދާ ބައެއް މަޝްރޫއުގެ އަމަލީ މަސައްކަތްތައް އިފްތިތާހުކޮށްދެއްވާފަ އެވެ.
އެއަށް ފަހު އެ ރަށު ރައްޔިތުންނާ މުހާތަބު ކުރައްވާ ރަށުގައި ކުރިއަށްގެންދާ މަޝްރޫއުތަކަށް ކައުންސިލުގެ ފުރިހަމަ އެއްބާރުލުން ލިބެމުންދާ ކަމަށެވެ. ސީދާ ނަން ނުގެންނަވައި ވިދާޅުވީ ދާއިރާގެ މެންބަރުގެ އެއްވެސް އެއްބާރުލުމެއް ކަންކަމުގައި ނުލިބޭ ކަމަށެވެ.
“އެއްބާރުލުން ނުލިބޭ ތަނުގައި ކަންކަމާއި ހުރަސް އެޅުމަށް މަސައްކަތްކުރަމުންދާކަން ހިތާމައާއެކީ ފާހަގަކުރަން”
ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ސިޔާސީ ހިޔާލު ތަފާތުވުން އޮވެގެން ނުވާނެ ކަމަށާއި، މެންބަރުން މަސައްކަތް ކުރަން ޖެހެނީ އެއަށްވުރެ ޒިންމާދާރުކޮށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މަޝްރޫއުތަކަށް އައްބާސް ހުރަސް އަޅަމުންދާ ކަމަށް ރައީސް ވިދާޅުވެފައިވާއިރު، ރައީސް ނ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައިނުވާ ކަމަށް އައްބާސް ވަނީ ވިދާޅުވެފަ އެވެ.