ޓެކުހާއި ޓެކްސް ނޫން އާމްދަނީ ހިމެނޭހެން، މިއަހަރުގެ ތެރޭގައި ދައުލަތަށް ލިބިފައިވާ ޖުމުލަ އާމްދަނީއާއި ހިލޭ އެހީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 5.5 އިންސައްތައިން އިތުރުވެ، ބަޖެޓްގެ ޕްރައިމަރީ ސާޕްލަސް 3.3 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.
ފިނޭންސް މިނިސްޓްރީން އިއްޔެ އާއްމުކުރި، 15 މެއި 2025 ގެ ނިޔަލަށް ދައުލަތުގެ ބަޖެޓަށް ލިބުނު އާމްދަނީއާއި ހަރަދުކުރި މިންވަރު އަންގައިދޭ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓްގައިވާ ގޮތުން، ނިމިގެންދިޔަ ހަފްތާގެ ނިޔަލަށް ޖުމުލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 14.4 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެ އެވެ.
މިއީ މިދިޔަ އަހަރުގެ މިމުއްދަތަށްވުރެ 5.5 އިންސައްތަ އިތުރު އަދަދެކެވެ.އާމްދަނީގެ ތެރެއިން ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 11.2 ބިލިއަން ރުފިޔާ އެވެ.
އެގޮތުން، މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބިފައިވާ ޖުމުލަ އާމްދަނީގެ 77.8 އިންސައްތައަކީ ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ އެވެ. މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައި، މި އަހަރުގެ ތެރޭގައި ދައުލަތަށް ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އާމްދަނީއާއި ހިލޭ އެހީގެ 36.3 އިންސައްތަ، 15 މެއިގެ ނިޔަލަށް ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ ތެރޭގައި ހިނގާނެކަމަށް އަންދާޒާކޮށްފައިވާ ޖުމުލަ ހަރަދުގެ ތެރެއިން މި މުއްދަތުގެ ތެރޭގައި ދައުލަތުގެ ޚަރަދުގެ ގޮތުގައި ރެކޯޑުކޮށްފައިވަނީ 26.3 އިންސައްތަ އެވެ.
މިއާއެކު، ދައުލަތުން ކޮށްފައިވާ ޖުމުލަ ހަރަދު ވަނީ، ނިމިގެންދިޔަ އަހަރާ އަޅައިބަލާއިރު 20.3 އިންސައްތައިން ދަށްވެފަ އެވެ. އެގޮތުން، 15 މެއި 2025ގެ ނިޔަލަށް 12.9 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މިދިޔަ އަހަރުގެ މިމުއްދަތުގައި ހަރަދުކޮށްފައިވަނީ 16.2 ބިލިއަން ރުފިޔާއެވެ. އެއާއެކު، ބަޖެޓްގެ އޯވަރޯލް ސަރޕްލަސް މިވަނީ 1.5 ބިލިއަން ރުފިޔާއަށް އަރައިފަ އެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި ބަޖެޓްގެ ބެލެންސް ހުރީ 2.5 ބިލިއަން ރުފިޔާގެ ޑެފިސިޓެއްގަ އެވެ.