
“ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް” އިން ރައްޔިތުންނަށް ފަސޭހަކަމާ އެކު ބޭސް ހޯދޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން 1505 ގެ ނަމުގައި ހާއްސަ ހޮޓްލައިނަކާއި އޮންލައިން ޕޯޓަލެއް ތައާރަފުކޮށްފިއެވެ.
މި އައު ހިދުމަތްތަކުގެ ދަށުން، ކޮންމެ ދުވަހަކު 24 ގަޑިއިރު މެދުކެނޑުމެއްނެތި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ. އީފާސް މެދުވެރިކޮށް ލޮގިންވެވޭ މި ޕޯޓަލް ބޭނުންކޮށްގެން ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެން ވެސް ބޭހަށް އޯޑަރުކުރުމާއި، އޯޑަރުގެ އެންމެފަހުގެ މައުލޫމާތު ދެނެގަތުމުގެ އިތުރުން ޑެލިވަރީގެ ކަންކަން ކުރިއަށްދާ ގޮތް ވަގުތުން ބަލައިލެވޭނެކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.
އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހް ޢަބްދުﷲ މާހިރު ފާހަގަކުރެއްވި ގޮތުގައި، ކުންފުނީގެ އެންމެ ބޮޑު އަމާޒަކީ ދެމެހެއްޓެނިވި އަދި ލުއިފަސޭހަ ނިޒާމެއްގެ ތެރެއިން އާންމުންނަށް ބޭސް ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ. މީގެ އިތުރުން، އާންމުކޮށް ލިބެން ނުހުންނަ ބޭސްތައް އެންސްޕާގެ އެހީތެރިކަމާ އެކު ހޯދައިދިނުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި، މިހާރު އޮތް ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުންދާކަން އޭނާ ހާމަކުރެއްވިއެވެ.
މިއަހަރުގެ މެދުތެރޭގައި އެސްޓީއޯއިން މިހާރު ހިންގަމުން އަންނަ ފާމަސީތަކުގެ ހިންގުމާ ސްޓޭޓް ފާމާއިން ހަވާލުވުމަށް ތައްޔާރުވަމުން އަންނަކަން ވެސް ޑރ. ޝާހް އިއުލާނުކުރެއްވިއެވެ. އެހެންކަމުން އެކަން ހަމަޖެހެންދެން ވެސް ރައްޔިތުންނަށް ދަތިކަމެއްނެތި މި ޕޯޓަލް މެދުވެރިކޮށް ބޭސް ލިބޭނެކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ.

