ދައުލަތުގެ ހަރަދު 23 ޕަސެންޓު ދަށްކޮށްފި އެވެ.
ފާއިތުވި ހަފްތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ޖުމްލަ 20.6 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ހަރަދާ އަޅާބަލާއިރު 8.7 އިންސައްތަ ދަށް އަދަދެކެވެ.
އެގޮތުން، ދައުލަތުގެ ރިކަރަންޓް ޚަރަދު 5.3 އިންސައްތައިން ދަށްވެފައިވާއިރު، ކެޕިޓަލް ހަރަދު ވަނީ 72.1 އިންސައްތައިން ދަށްވެފަ އެވެ. އަދި މިއަހަރުގެ މިހާތަނަށް ދައުލަތުގެ ހަރަދު ވަނީ ފާއިތުވި އަހަރާއި އަޅާބަލާއިރު ދަށް މިންވަރެއްގައި ދަމަހައްޓާފަ އެވެ.
2025 ވަނަ އަހަރަށް ފާސްކުރި ބަޖެޓުގައި ކަނޑައަޅާފައިވާ އަދަދަށް ބަލާއިރު، މި އަހަރަށް އިދާރީ އަދި ހިންގުމުގެ ހަރަދުތަކުގެ ގޮތުގައި ފާސްކުރެވުނު 20.8 ބިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް ހަރަދުވެފައިވަނީ 8.2 ބިލިއަން ރުފިޔާ އެވެ.
މިއީ ފާއިތުވި އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 1.1 ބިލިއަން ރުފިޔާ ކުޑަ އަދަދެކެވެ. އެގޮތުން 2024 ވަނަ އަހަރުގެ މި މުއްދަތުގައި ހޭދަކޮށްފައިވަނީ 9.3 ބިލިއަން ރުފިޔާ އެވެ.
އޭގެ ހަރަދުތަކުގެ ތެރޭގައި ހިމެނޭ އިދާރީ ހިންގުމަށް ބޭނުންވާ ތަކެތި ހޯދުމުގެ ހަރަދު ވަނީ 71.5 އިންސައްތައިން ދަށްވެފަ އެވެ. އަދި ދައުލަތުގެ ބަޖެޓުން ދަތުރުފަތުރުކުރުމަށް ކުރެވޭ ހޭދަ މިވަނީ، ނިމިގެންދިޔަ އަހަރާ އަޅާބަލާއިރު 17.2 އިންސައްތައިން ދަށްވެފަ އެވެ.