ދައުލަތުގެ ބަޖެޓުން މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކޮށްފައިވާ ހަރަދުތައް، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 19.5 އިންސައްތަ ދަށަށް ގޮސް، ދައުލަތުގެ ބަޖެޓުގެ އޯވަރޯލް ބެލެންސް 1.4 ބިލިއަން ރުފިޔާގެ ސާޕްލަސްއަކަށް އަރައިފި އެވެ.
ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުން މިދިޔަ ހަފްތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން 18.8 ބިލިއަން ރުފިޔާ ހޭދަކޮށްފައި ވެއެވެ. މިއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ޚަރަދާ އަޅައިބަލާއިރު 19.5 އިންސައްތަ ދަށް އަދަދެކެވެ.
އެގޮތުން، ދައުލަތުގެ ރިކަރަންޓް ހަރަދު 4.9 އިންސައްތައިން ދަށްވެފައިވާއިރު، ކެޕިޓަލް ހަރަދުވަނީ 63.3 އިންސައްތައިން ދަށްވެފަ އެވެ.
ރިކަރަންޓް ޚަރަދުގެ 56.7 އިންސައްތަ ދައުލަތުގެ އޮފީސްތަކުގެ އިދާރީ ހިންގުމާ ގުޅޭ ކަންކަމަށް ހޭދަކޮށްފައިވާއިރު، މިއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 11.3 އިންސައްތަ ދަށް އަދަދެކެވެ. އެގޮތުން އޮފީސް ހިންގުމުގެ ބޭނުމަށް ހޯދާ ތަކެތީގެ ހަރަދު 67.3 އިންސައްތައިން ދަށްވެފައިވާއިރު، މަރާމާތުކުރުމާއި މެއިންޓެނަންސްގެ ހަރަދު ވަނީ 9.6 އިންސައްތައިން ދަށްވެފަ އެވެ.
ހަމައެހެންމެ، ދައުލަތުގެ ބަޖެޓުން ދަތުރުފަތުރުކުރުމަށް ކުރެވޭ ހޭދަ ނިމިގެންދިޔަ އަހަރާ އަޅައިބަލާއިރު 5.6 އިންސައްތައިން ވަނީ ދަށްވެފަ އެވެ.
އެއާއާއި އެކު ދައުލަތުން ފޯރުކޮށްދޭ އެކި އެހީ އަދި ސަބްސިޑީތައް ފޯރުކޮށްދިނުމަށް ކުރެވުނު ހޭދަ ނިމިގެންދިޔަ އަހަރާ އަޅައިބަލާއިރު 9.8 އިންސައްތައިންވަނީ ދަށްވެފަ އެވެ.
ނިމިދިޔަ ހަފްތާގެ ނިޔަލަށް ކެޕިޓަލް ހަރަދުގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވަނީ 2.1 ބިލިއަން ރުފިޔާއެވެ. އެގޮތުން، މަގުހެދުމާއި ބްރިޖް އަދި އެއަރޕޯޓް ތަރައްގީކުރުމަށް ހިނގާފައިވާ ހަރަދު ހިމަނައިގެން، އިންފްރާސްޓްރަކްޗަރ އެސެޓްތަކަށް 1.2 ބިލިއަން ރުފިޔާ މިއަހަރުގެ ތެރޭގައި ވަނީ ހޭދަކޮށްފަ އެވެ.
މިއީ މިއަހަރަށް މިކަންކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގެ 17.1 އިންސައްތަ އެވެ.
2025 ވަނަ އަހަރަށް އެކުލަވައިލައިފައިވާ ދައުލަތުގެ ބަޖެޓުގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ.)އަށް 12.4 ބިލިއަން ރުފިޔާ ހިނގާނެކަމަށް ލަފާކޮށްފައިވާއިރު، މިއަހަރުގެ މިހާތަނަށް މިފަދަ ޕްރޮގްރާމްތަކަށް ހޭދަކޮށްފައިވަނީ 2.1 ބިލިއަން ރުފިޔާ އެވެ.
އަދި ނިމިގެންދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ހިނގާފައިވާ ޕީއެސްއައިޕީ ހަރަދުގެ ބޮޑު އިންސައްތައެއް، ބިން ހިއްކުމާއި މަގު ހެދުމުގައި މަޝްރޫޢުތަކަށް ހޭދަކޮށްފައިވި ނަމަވެސް، މި އަހަރުގެ ތެރޭގައި ހިނގާފައިވާ ޕީއެސްއައިޕީ ހަރަދުގެ ބޮޑު އިންސައްތައެއް ޙިއްސާކުރަނީ ލަފާފުރުމުގެ ދަތިކަން ޙައްލުކުރުމާ ގުޅޭ ތަފާތު އެކި މަޝްރޫޢުތަކަށް ކޮށްފައިވާ ހަރަދެވެ.
އެގޮތުން މިފަދަ މަޝްރޫޢުތަކަށް ޖުމުލަ 1.1 ބިލިއަން ރުފިޔާ މިއަހަރުގެ ތެރޭގައި ވަނީ ހަރަދުކޮށްފައެވެ. އޭގެ ތެރޭގައި ވެލާނާ އެއާޕޯޓް ނިންމުމަށް ހިނގާ ހަރަދުތައް ފާހަގަކޮށްލެވެ އެވެ.
ހަމައެއާއެކު ޕީއެސްއައިޕީ އާ ގުޅޭ ތަފާތު އެކި ސިޔާސަތުތައް ހަރުދަނާކުރުމަށް މިއަހަރުގެ ތެރޭގައި ސަރުކާރުން ކުރަމުންދާ ގިނަ މަސައްކަތްތަކާއެކު، އެފަދަ ޕްރޮގްރާމްތަކަށް ދައުލަތުގެ ބަޖެޓުން ކުރާ ޖުމުލަ ހަރަދު ވަނީ ކުޑަކޮށްފަ އެވެ.
އެއާއެކު، ފާއިތުވި ހަފްތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން 23.6 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ހަރަދާ އަޅައިބަލާއިރު 8.6 އިންސައްތަ ދަށް އަދަދެކެވެ.
އެގޮތުން، ދައުލަތުގެ ރިކަރަންޓް ހަރަދު 4.9 އިންސައްތައިން ދަށްވެފައިވާއިރު، ކެޕިޓަލް ހަރަދު ވަނީ 63.3 އިންސައްތައިން ދަށްވެފައެވެ. އެއާއެކު، ދައުލަތުގެ ބަޖެޓުގެ އޯވަރޯލް ސާޕްލަސެއްގައި ވަނީ ދެމެހެއްޓިފަ އެވެ.