ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާއި އެކި ޒަމާނާއި އެކި ހާލަތްތައް ބަދަލުވަމުންދާ ދިއުމުގައި ދިވެހި ދައުލަތާއި ދީބަށް ލޮޅުމެއް އެރިޔަ ނުދީ، މަސަލަސްކަމާއި މަޖްދާއި ކަރާމާތް ދެމެހެއްޓުމުގެ އެންމެ މަތިވެރި ގައުމީ ޒިންމާ އުފުލާނީ ދިވެހި ސިފައިން ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު އެހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދިވެހި ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ހިތޯބުގަ އެވެ.
ރައީސްގެ ހިތޯބުގައި ވިދާޅުވީ މި ގައުމު އެއް ވެރިކަމެއްގެ އަމުރުމައުރޫފުގެ ދަށުގައި، މުސްތަގިއްލު ވަޒަނެއްގެ ގޮތުގައި ދެމިއޮތީ، ގައުމުގެ މިނިވަންކަމާއި އެއްބައިވަންތަކަން ހިފަހައްޓައިދިނުމަށް ކެނޑިނޭޅި ބަޔަކުވީ ގުރުބާނީގެ ސަބަބުން ކަމަށެވެ. އަދި މި ގުރުބާނީގެ ފަހަތުގައި އެންމެ މުހިންމު ދައުރެއް އަބަދުވެސް އަދާކުރީ ގައުމު ދިފާއުކޮށް، އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މަސައްކަތްކުރާ ދިވެހި ސިފައިން ކަމުގައި ފާހަގަކުރެއްވި އެވެ.
ގައުމަށް ޓަކައި ސިފައިން ކުރަމުންދާ މަސައްކަތްތަކަށް އިޝާރާތް ކުރައްވާ ރައީސް ވަނީ ސިފައިން، އަމިއްލަ ނަފުސާއި އާއިލާތަކަށް ވުރެ އަބަދުވެސް އިސްކުރަނީ ދިވެހި ގައުމާއި ރައްޔިތުންގެ މަސްލަހަތު ކަމުގައި ވިދާޅުވެފަ އެވެ. އަދި ގައުމަށް ދިމާވި ކޮންމެ ބޮޑުކަމަކާއި ކޮންމެ އުނދަގޫ ވަގުތަކު، ދިވެހީންނަށް ޓަކައި ދަލާއި ލޭ އޮހޮރުވައި، ރެޔާއި ދުވާލު ވަރުބަލިވުމެއް ނެތި ބުރަ އުފުލުމުގައި އިސްނެގީ ދިވެހި ސިފައިންކަން އެމަނިކުފާނު ފާހަގަކުރައްވާފައިވެ އެވެ.
“ދިވެހި ސިފައިންގެ މުލައްދަނޑިތަކުގައި ގައުމީ ލޭ ދައުރުވާހައި ހިނދަކު، ދިވެހި އަސްކަރީންގެ ހިތްތަކުގައި މިނިވަންކަމުގެ ވިންދު ޖަހަމުންދާހާ ހިނދަކު، އިރާދަކުރެއްވިއްޔާ ދިވެހީންގެ މިނިވަންކަމަކަށް، ދެމިތިބުމަކަށް، އިރުއޮއްސުމެއް ނެތް،” ރައީސް ވިދާޅުވި އެވެ.
ދިވެހި ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، ރައީސް ވަނީ ތަހުނިޔާގެ ޕޯސްޓެއް ވެސް އެމަނިކުފާނުގެ “އެކްސް” އެކައުންޓުން ހިއްސާކުރައްވާފަ އެވެ. ދިވެހީންނަށް ލިބުނު ކޮންމެ ކުރިއެރުމަކާއި ކާމިޔާބެއްގެ ސިއްރަކީ މިނިވަން ދައުލަތެއްގެ ގޮތުގައި މި ގައުމު ދެމިއޮތުން ކަމަށާއި ދިވެހި މިނިވަންކަމުގެ ދަންމަރު އުދަރެސްތަކަށް އުފުލައިދެނީ ދިވެހި ސިފައިންގެ ޖޯޝާއި ގުރުބާނީ އާއި ނުގުޑާ އަޒުމުން ކަމުގައި ރައީސްގެ ޕޯސްޓުގައި ވިދާޅުވި އެވެ.