ކުރީގެ ސަރުކާރުން ‘ގެދޮރުވެރިޔާ’ ސްކީމްގެ ދަށުން އެޅި 4000 ފްލެޓް ލިބޭ މީހުންގެ ލިސްޓަށް 8000 އަށް ވުރެ ގިނަ ޝަކުވާ ހުށަހަޅައިފި އެވެ.
މި ސަރުކާރުން މިދިޔަ ފެބްރުއަރީ މަހުގެ 27ގައި އާންމު ކުރި ފްލެޓް ލިބޭ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިއްޔެއާ ހަމައަށް އޮތީ ހުޅުވާލައިފަ އެވެ.
ހައުސިން މިނިސްޓްރީގެ އޮފިޝަލަކު “ދެން” އަށް ވިދާޅުވީ މުއްދަތު ހަމަވި އިރު 8602 ޝަކުވާ ލިބުނު ކަމަށެވެ.
އެގޮތުން
- ޕޯޓަލް މެދުވެރިކޮށް 5،236 ޝަކުވާ ހުށަހެޅި
- އީމެއިލް މެދުވެރިކޮށް 2840 ޝަކުވާ ހުށަހެޅި
- ސިޓީ މެދުވެރިކޮށް 526 ޝަކުވާ ހުށަހެޅި
މިދިޔަ ސަރުކާރުން ފްލެޓު ލިބުނު މީހުންގެ ދާއިމީ ލިސްޓު އާންމުކުރުމުން ބައެއް މީހުން ވަނީ އެ ފްލެޓު ހަވާލުކުރުމުގެ ކަންކަމުގައި ގޯސްތަކެއް ހަދާފައިވާ ކަމަށް ބުނެ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ޝަކުވާ ހުށަހަޅާފަ އެވެ.
ފްލެޓް ލިސްޓް މި ސަރުކާރުން މުރާޖާކުރީ އޭސީސީން ދިން އިރުޝާދުތަކަށް ފަހުގަ އެވެ. އެގޮތުން މުރާޖާކުރުމަށް ފަހު ނެރުނު ފްލެޓް ލިސްޓުގައިވާ ގޮތުން 4،000 ފްލެޓު ލިބޭ މީހުންގެ ލިސްޓުން ފްލެޓަށް ޝަރުތު ހަމަވާ ކަމަށް މިހާތަނަށް ކަށަވަރު ކުރެވިފައި ވަނީ 1،820 މީހުންނަށް ކަމަށެވެ.
ވެރިފިކޭޝަން މަރުހަލާ ނިމުނުއިރު، 3 ކޮޓަރީގެ ލިސްޓުގައި ހިމެނޭ 3،721 ފަރާތުގެ ތެރެއިން ޝަރުތު ހަމަވެ، 75 ޕޮއިންޓަށް ވުރެން މަތިން ޕޮއިންޓް ލިބިފައި ވަނީ 1،423 ފަރާތަކަށެވެ. އަދި ދެ ކޮޓަރީގެ ލިސްޓުގައި ހިމެނޭ 1،218 ފަރާތުގެ ތެރެއިން ޝަރުތު ހަމަވެ، 73 ޕޮއިންޓަށް ވުރެ މަތިން ޕޮއިންޓް ލިބިފައި ވަނީ 397 ފަރާތަކަށެވެ.