ކުރީގެ ސަރުކާރުން ‘ގެދޮރުވެރިޔާ’ ސްކީމްގެ ދަށުން އެޅި 4000 ފްލެޓް ދޫކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ހައުސިން މިނިސްޓްރީން ސަރުކާރު ގެޒެޓުގައި ޝާއިއުކޮށްފައިވާ އިއުލާނެއްގައި ބުނީ ފުލެޓު ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމާއި، ފުލެޓު ހަވާލުކުރުމުގެ މަސައްކަތް ކުރުމަށްޓަކައި، ފުލެޓު ލިބުނު މީހުން މައުލޫމާތު އެފްޑީސީއާ ހިއްސާކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
މިނިސްޓްރީން ބުނީ ގޮތުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދެވޭނީ ފުލެޓްތަކުގެ މަސައްކަތް ނިމި ހަވާލުކުރުމަށް ތައްޔާރުކުރެވިފައިވާ ޓަވަރުތަކަށް އިސްކަންދީގެންނެވެ. އަދި ފުލެޓް ލިބުނު މީހުންނާއެކު އެއްބަސްވުންތަކުގައި ސޮއިކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މުއާމަލާތްތައް ކުރިއަށް ގެންދާނީ ވެސް އެފްޑީސީން ކަމަށް މިނިސްޓްރީގެ އިއިުލާނުގައި ބުންޏެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް އެފްޑީސީއަށް ފޮނުވާ ފަރާތްތަކަށް “ގެދޮރުވެރިން ޕޯޓަލް” މެދުވެރިކޮށް އެކަން އަންގާނެ ކަމަށާއި، އެގޮތަށް ޕޯޓަލުން ނާންގާ ފަރާތްތަކަށް މިނިސްޓްރީއިން ނުވަތަ އެފްޑީސީން ނުގުޅާނެކަމަށް ބުންޏެވެ.
އެފަދަ ފޯނު ކޯލުތަކާއި އެސްއެމްއެސްތަކަށް ހުރިހާ ރައްޔިތުން ސަމާލުވުމަށް މި ފުރުސަތުގައި އިލްތިމާސްކުރަމެވެ
މިދިޔަ ސަރުކާރުން ފްލެޓު ލިބުނު މީހުންގެ ދާއިމީ ލިސްޓު އާންމުކުރުމުން ބައެއް މީހުން ވަނީ އެ ފްލެޓު ހަވާލުކުރުމުގެ ކަންކަމުގައި ގޯސްތަކެއް ހަދާފައިވާ ކަމަށް ބުނެ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ޝަކުވާ ހުށަހަޅާފަ އެވެ.
ފްލެޓް ލިސްޓް މި ސަރުކާރުން މުރާޖާކުރީ އޭސީސީން ދިން އިރުޝާދުތަކަށް ފަހުގަ އެވެ. އެގޮތުން މުރާޖާކުރުމަށް ފަހު ނެރުނު ފްލެޓް ލިސްޓުގައިވާ ގޮތުން 4،000 ފްލެޓު ލިބޭ މީހުންގެ ލިސްޓުން ފްލެޓަށް ޝަރުތު ހަމަވާ ކަމަށް މިހާތަނަށް ކަށަވަރު ކުރެވިފައި ވަނީ 1،820 މީހުންނަށް ކަމަށެވެ.
ވެރިފިކޭޝަން މަރުހަލާ ނިމުނުއިރު، 3 ކޮޓަރީގެ ލިސްޓުގައި ހިމެނޭ 3،721 ފަރާތުގެ ތެރެއިން ޝަރުތު ހަމަވެ، 75 ޕޮއިންޓަށް ވުރެން މަތިން ޕޮއިންޓް ލިބިފައި ވަނީ 1،423 ފަރާތަކަށެވެ. އަދި ދެ ކޮޓަރީގެ ލިސްޓުގައި ހިމެނޭ 1،218 ފަރާތުގެ ތެރެއިން ޝަރުތު ހަމަވެ، 73 ޕޮއިންޓަށް ވުރެ މަތިން ޕޮއިންޓް ލިބިފައި ވަނީ 397 ފަރާތަކަށެވެ.