ފޭކު ޒަމްޒަމް ފެން ވިއްކާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ޔޫއޭއީގެ ނޫހެއް ކަމަށްވާ “ޚަލީޖު ޓައިމްސް” އިން މިދިޔަ މޭ މަހު ފަހުކޮޅު ރިޕޯޓްކުރި ހަބަރެއްގައި ބުނީ ފޭކް ޒަމްޒަމް ވިއްކާ މީހަކު އެ ގައުމުން ހައްޔަރުކޮށް ގިނަ އަދަދެއްގެ އެފަދަ ފެންފުޅިިތައް ވެސް އަތުލައިގެންފައިވާ ކަމަށެވެ.
ޒަމްޒަމް ފެނުގެ ނަމުގައި އަގުބޮޑުކޮށް ވިއްކަމުން ދިޔައީ އިސްކުރު ފެން ކަމަށް ވެސް އެ ނޫހުން ރިޕޯޓްކޮށްފައި ވެއެވެ.
ދިވެހި ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނީ ޔޫއޭއީގައި ވެސް ލޭބަލް ޖަހައިގެން ވިއްކަމުން އައި ފޭކު ޒަމްޒަމް ފެންފުޅިތައް ހަމަ އެ ލޭބަލްގައި ރާއްޖޭގައިވެސް ވިއްކަމުންދާ މައްސަލަ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
އެހެންވެ ކަމާ ބެހޭ އިދާރާތަކާ ގުޅިގެން އެކަމާ ބެހޭ މައުލޫމާތު ސާފުކޮށް ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ފަސް ލީޓަރު ފުޅީގެ އެ ފޭކު ޒަމްޒަމް ފެންފުޅިތައް 550 ރުފިޔާއަށް ރާއްޖޭގައި ވިއްކަމުން ދިޔައީ ސާމާނު އޮންލައިން ނަމަކަށް ކިޔާ ފޭސްބުކު ޕޭޖަކުން ނެވެ.