ގޭބީސީތަކާއި ވިޔަފާރިތަކުން ފެން ބިލު ނުދެއްކި ގިނަ ދުވަސްވެގެން އަރާފައިވާ ޖޫރިމަނާ ފައިސާ މާފުކޮށްދިނުމުގެ އިތުރު ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް މާލެ ވޯޓަ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ނިންމައިފި އެވެ.
އެމްޑަބްލިއުއެސްސީން މިދިޔަ އަހަރު ވެސް ވަނީ ޖޫރިމަނާ މާފުކޮށްދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފަ އެވެ.
އެމްޑަބްލިއުއެސްސީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ޕްރޮގްރާމުގެ ދަށުން މިދިޔަ ޑިސެމްބަރު މަހުގެ ނިޔަަލަށް ގޭބީސީތަކާއި ވިޔަފާރިތަކުގެ ފެން ބިލުގެ ޖޫރިމަނާ މާފުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެެވެ. އެ ފުރުސަތު ދޭނީ މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މި އަންނަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހާ ދެމެދުގެ ބިލުތަކަށް ދައްކަން ޖެހޭ ޖުމްލަ ފައިސާ އެއްކޮށް ދައްކާ ފަރާތްތަކަށް ކަމަށް ކަަމަށެވެ.
ފައިސާ ނުދެއްކި ގިނަ ދުވަސްވެފައިވާ ބިލުތަަކަށް ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު ދިނުމަށް ވެސް އެ ކުންފުނިން ވަނީ ނިންމާފަ އެވެ. އެގޮތުން މަހުން މަހަށް ބަހާލައިގެން ފައިސާ ދައްކަން އެދޭ ފަރާތްތަކަށް އެއްބަސްވުމެއްގެ ދަށުން އެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ. އެ ފަރާތްތަކަށް ޖޫރިމަނާ މާފުކޮށްދޭނީ އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކައި ނިމުމުންކަން ފާހަގަކުރި އެވެ.
އެމްޑަބްލިއުއެސްސީން ވަނީ ނުދެއްކި ގިނަ ދުވަސްވެފައިވާ ބިލުތަކަށް ފައިސާ ދެއްކުމަށް މި ފުރުސަތުގެ ބޭނުން ހިފުމަށާއި ގަވާއިދުން ބިލުތަކަށް ފައިސާ ދައްކަން އިލްތިމާސްކޮށްފަ އެވެ.
މި ޕްރޮގްރާމާ ގުޅޭ އިތުރު މައުލޫމާތު އެ ކުންފުނީގެ ކަސްޓަމާ ކެއާ ސެންޓަރުގެ ހޮޓްލައިން 105 އަށް ގުޅައިގެން ނުވަތަ 1050 އަށް އެސްއެމްއެސް ކޮށްގެން ނުވަތަ [email protected] އަށް އީމެއިލް ކޮށްގެން ލިބޭނެ ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.