
ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އަކުން ފުލެޓުތަކާ ގުޅޭ މަޢުލޫމާތު ހޯދުމަށް ވައިބާ ނުވަތަ ފޯނު ކޯލުތަކެއް ކުރަމުންދާތީ ސަމާލުވާން އިލްތިމާސްކޮށްފިއެވެ.
އެޗްޑީސީން އެކްސްގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނީ، އެ ކުންފުނީގެ ނަމުގައި ވައިބާ އަދި ފޯނު ކޯލު މެދުވެރިކޮށް އާންމުގެ މަޢުލޫމާތު ހޯދުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެ ކުންފުނިން ފުލެޓާއި ގުޅޭ އެއްވެސް މުޢާމަލާތެއް ވައިބާ އަދި ފޯނު ކޯލު މެދުވެރިކޮށް ހޯދުމަށް ނުގުޅާނެ ކަމުގެ ޔަޤީންކަންދޭ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
އެޗްޑީސީގެ ނަމުގައި އޮޅުވާލައިގެން ކުރާ ކޯލްތަކާއި މެސެޖުތަކަށް ސަމާލުވުމަށާއި، އެއްވެސް ފަރާތަކަށް އަމިއްލަ މައުލޫމާތު ނުވަތަ ފައިސާގެ މުއާމަލާތެއް ނުހިންގުމަށް އިލްތިމާސްކުރަން!#WithHDC pic.twitter.com/YOsnPMcu8e
— Housing Development Corporation (@hdcmaldives) January 24, 2026
އެހެންކަމުން އެއްވެސް ފަރާތަކުން އެފަދަ ފަރާތްތަކާ އެއްވެސް ފަރާތެއްގެ ޒާތީ މަޢުލޫމާތާއި ފައިސާގެ މުޢާމަލާތެއް ނުހިންގުމަށް އެޗްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ.
ރާއްޖޭގައި ސްކޭމްގެ މައްސަލަތަކުގައި ބޮޑެތި ޢަދަދުތަކުން ފައިސާ ފޭރިފައިވެއެވެ. ފުލުހުންގެ ޚިދުމަތުން ވެސް ވަނީ މިފަދަ ސްކޭމްތަކަށް ސަމާލުވުމަށް ޢިލްތިމާސްކޮށްފައެވެ. އަދި އެއްވެސް ފަރާތެއްގެ ޒާތީ މަޢުލޫމާތު ނުވަތަ ބޭންކް އެކައުންޓާ ގުޅޭ މަޢުލޫމާތު ވެސް އެއްވެސް ފަރާތަކާ ޙިއްސާ ނުކުުރުމަށް އެފަދަ މަސަލަތަކާ ގުޅޭ އިދާރާތަކުން ދަނީ ތަކުރާރުކޮށް ޢިލްތިމާސް ކުރަމުންނެވެ.

