
ފުލުހެއްގައި ގައިގައި ޖަހާ މާރާމާރީ ހިންގައިގެން މީހަކު ހައްޔަރުކޮށްފި އެވެ.
ކްރިމިނަލް ކޯޓުން މިރޭ ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ ނ. މާފަރު/ ވައިމަތީގެ، އަލީ ރިއުސާން(40އ.) އެވެ.
ބަންދު އަމަރުގައި ބުނެފައިވާގޮތުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ރިއުސާން 10 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން ވަނީ އަމުރުވެސް ނެރެފަ އެވެ.
ކުށުގެ ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށް ވެސް ބަންދު އަމުރުގައި ބުނެފައި ވެއެވެ.
ރިއުސާންއަކީ ހައްޔަރާއި ބަންދު އަމުރުގެ ރެކޯޑް އޮތް ފަރާތެއް ކަމަށާއި އަދި ކުށް ތަކުރާރުކުރުމުގެ އިހުމާލު މަތީ ދަރަޖައަކަށް އޮތް ކަމަށް ވެސް ބަންދު އަމުރުގައި ބުނެފައި ވެއެވެ.
ހެރޮއިންއާއި ޑައިމޯފިންވެސް ބޭނުންކުރާކަމަށް ކުރިން އިއުތިރާފްވެފައިވާ ރިއުސާންގެ މައްޗަށް ޑައިމޯފިން ބޭނުންކުރުމުގެ ދައުވާ ޑުރަގު ކޯޓުން ކުރިން ކޮށްފައި ވެސް ވެއެވެ.
އެ މައްސަލައިގައި އޭނާގެ މައްޗަށް ފަރުވާ ނެގުމަށް ހުކުމްކުރި އިރު ފަރުވާދޭ މަރުކަޒަށް އެއްބާރުލުން ނުދީގެން 10 ދުވަހަށް ޖަލަށް ވެސް ލިއެވެ.

