ފުލުހުންގެ ހިދުމަތާ އަލަށް ގުޅޭ ފުލުހުންނަށް ކުރިއަށް ގެންދާ އަސާސީ ތަމްރީނު ކޯހުގެ 41 ވަނަ ބުރު އައްޑޫ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ އައްޑޫ ސިޓީ ކެމްޕަހުގައި ފަށައިފި އެވެ.
އެ ކޯސް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މި މަހު 10 ވަނަ ދުވަހު އެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓުގެ އެގްޒެކެޓިވް ޑިރެކްޓާ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަބްދުއް ރަހްމާން އެވެ. އެ ރަސްމިއްޔާތުގައި ކޮލެޖުގެ އެކި ޑިޕާޓްމަންޓުތަކުގެ އިސްވެރިންނާއި މުވައްޒަފުންނާއި މުދައްރިބުން ބައިވެރިވި އެވެ.
17 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ކޯހުގައި 210 ފުލުހުން ބައިވެރިވެއެވެ. މީގެ ތެރޭގައި ހިމެނެނީ 96 އަންހެން ފުލުހުންނާއި 114 ފިރިހެން ފުލުހުންނެވެ.
ފުލުހުންގެ އަސާސީ ތަމްރީނު ކޯހަކީ ފުލުހުންގެ ވަޒީފާއަށް ބޭނުންވާ ތަމްރީނާއި ތަރުބިއްޔަތު އުނގަންނައިދީ ފުލުހުންގެ މަސައްކަތަށް ބޭނުންވާ އިލްމީ ގާބިލުކަމާއި ހުނަރާއި ތަޖުރިބާ ލިބިދިނުމަށް ކުރިއަށް ގެންދާ ކޯހެކެވެ. މި ކޯހުގައި ފިޒިކަލް ޓްރެއިނިން، އޮޕަރޭޝަނަލް ސޭފްޓީ އެންޑް ޓެކްޓިކްސް އަދި ގާނޫނާއި ގަވާއިދުތަކުގެ އިތުރުން ފުލުހުންގެ މަސައްކަތްތަކާ ގުޅުންހުރި ބައިތައް ކިޔަވައިދޭނެ އެވެ.