ފުލުހުން ކުރިއެރުވުމަށް އެ މުއައްސަސާއިން ކުރާ މަސައްކަތާ އެއްވަރަށް އޮފިސަރުންގެ ހިތްވަރާއި ގާބިލުކަން ދައްކުވައިދޭންވާނެ ކަމަށް ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވެއްޖެ އެވެ.
އިއްޔެ ކުރިއަށް ދިޔަ 39 ވަނަ ފުލުހުންގެ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވެ ހިނގާލުމުގެ ރަސްމިއްޔާތުގައި ނަވީން ވިދާޅުވީ ކޮންމެ ފުލުހަކު ވެސް، ފުލުހުންގެ ދާއިރާއިން ކުރިއަށްދާނެގޮތުގެ ލަނޑުދަނޑިތައް ކަނޑައަޅައި، އެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އަޒުމް ކަނޑައަޅައި ތައުލީމާއި ތަޖުރިބާ ހޯދުމަށް މަސައްކަތްކުރަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ ފުލުހުންގެ ހިދުމަތަކީ، ކުރިއަށް ދިއުމުގެ ފުރުސަތު ގިނަ އެހެނަސް ވާދަވެރި ހިދުމަތެއް ކަމަށެވެ.
އަދި ފުލުހުން ކުރިއެރުވުމަށް މުއައްސަސާއިން ކުރާ މަސައްކަތާ އެއްވަރަށް ފުލުހުންގެ ހިތްވަރާއި ގާބިލުކަން ދައްކުވައިދޭންވާނެ
ޑީސީޕީ ވިދާޅުވީ ފުލުހުންގެ މުއައްސަސާގެ ތަސައްވުރު ރަނގަޅުކުރެވޭނީ ކޮންމެ ފުލުހަކު ވެސް ޑިއުޓީ އަދާކުރުމުގައި، ރައްޔިތުންގެ ކަންބޮޑުވުން ހުރި ކަންކަން ދެނެގަނެ، އަމިއްލައަށް އިސްނަގައި މަސައްކަތް ކޮށްގެންކަމަށާއި ރައްޔިތުންނާއި ރީތިބަހުން މުއާމަލާތްކުރާ ބަޔަކަށްވެ، ރައްޔިތުންގެ ލޯތްބާއި އިހުތިރާމުލިބޭ އަދި އޯގާތެރި ބަޔަކަށް ވެގެން ކަމަށެވެ.
އަދި ރައްޔިތުންގެ އިތުބާރު ލިބިފައިވާ ތަނަކަށް ފުލުހުންގެ މުއައްސަސާ ހެދުމަށްޓަކައި ކޮންމެ ފުލުހަކު ވެސް މަސައްކަތް ކުރަންވާނެކަން ފާހަގަކުރައްވާ ޑީސީޕީ ވަނީ މުއައްސަސާ އަދި އާއިލާއަށް ވެސް ހުތުރުނަމެއް ލިބޭނެ ފަދަ، އެއްވެސް ކަމެއް ފުލުހުން ނުކުރުމަށް އެދިވަޑައިގެންނެވި އެވެ.
ނަޒާހަތްތެރި، މަސައްކަތުގައި ޒިންމާދާރު އަދި ނަމޫނާ ބަޔަކަށްވެ، ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ދުޅަހެޔޮ ފުލުހަކަށްވުމަށް މަސައްކަތްކުރުމަށް އެދިވަޑައިގެންފަ އެވެ.
ނަވީން ވިދާޅުވީ ފުލުހުންގެ އަސާސީ ތަމްރީނަކީ ހަމައެކަނި ފުލުހުންގެ ވަޒީފާގައި ދާއިމީވުމަށް ފުރިހަމަކުރާ ތަމްރީނެއްގެ ގޮތުގައި ވިސްނުމުގެ ބަދަލުގައި، އެ ތަމްރީނަކީ އަމިއްލަ ދިރިއުޅުމުގައި ވެސް ކުރިއަށް ދިއުމަށް އެޅޭ، އިތުރު ހަރުފަތެއްގެ ގޮތުގައި ހެދުމަކީ މުހިންމު ކަމެއް ކަމަށެވެ.