ފުލުހުންގެ އަގު ވައްޓާލަން ކުރާ މަސައްކަތުގައި ރައްޔިތުން ނުޖެހުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ގޮވާލައްވައިފި އެވެ.
ފުލުހުންގެ ހިދުމަތަށް 92 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން ރައީސް މުއިއްޒު އެފަދައިން ވިދާޅުވި އިރު މާލޭގެ ގެެއެއްގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައިގައި ފުލުހުންގެ ތަހުގީގާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުން ނެވެ.
އަދި ފުލުހުން އެކަމާ ގުޅޭ ތަހުގީގުގައި ބައެއް ކަންކަން ފޮރުވަން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ރޭ ވަނީ މުޒާހަރާވެސްކޮށްފަ އެވެ. މިރޭ ވެސް ޒުވާނުންގެ މުޒާހަރާ ކުރިއަށް އެބަދެ އެވެ.
ފުލުހުންގެ މަސައްކަތަކާ މެދު ޝައްކުތައް ކުރަމުން ދަނިކޮށް ފުލުހުންގެ މުވައްސަސާ ދިފާއުކުރައްވައި ރައީސް މިރޭ ވިދާޅުވީ ސިޔާސީ ބޭނުމަށް ޓަކައި ބައެއް ފަރާތްތަކުން ދޮގާއި ފިތުނަ އުފައްދަމުންދާ ކަމަށެވެ.
އަދި އެ ކަންތައް ހުއްޓުވުމަށް ފުލުހުން އަވަހަށް މައުލޫމާތު ހިއްސާކުރުމަށް އެމަނިކުފާނު ގޮވާލެއްވި އެވެ.
ފުލުހުންގެ ޒިންމާގެ އިތުރުން އެކަމުގައި ރައްޔިތުންގެ ޒިންމާ ވެސް އެބަ އޮތްކަން ރައީސް ފާހަގަ ކުރެއްވި އެވެ.
“އަޅުގަނޑުމެންގެ ތެރޭގައި ގައުމު ދެކެ އެއްވެސް ލޯތްބެއް ނުވާ ގައުމިއްޔަތުގެ އެއްވެސް ވިސްނުމެއް ނެތް މީހުން ފިތުނަތަކުގައި ޖައްސާ މި މުވައްސަސާގެ އަގު ވައްޓާލަން ކުރާ އެއްވެސް މަސައްކަތަކަށް އަޅުގަނޑުމެން ނުވާނެ ޖާގަ ދީގެން. އެއީ އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް” ރައީސް މުއިއްޒު ވިދާޅުވި އެވެ.
އޭގެ ބަދަލުގައި ރައްޔިތުން ކުރަންވީ ކަމަކީ ޒިންމާދާރު ކަމާއެކު ފުލުހުންނަށް ހިދުމަތް ކުރެވޭނެ ގޮތަށް ޒިންމާދާރުކަމާއެކު ވިސްނުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.