
ފުވައްމުލަކު ސިޓީ ކައުންސިލުން އެކިއެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިމާއި ކޮޓަރި ފަދަ ތަންތަނުން ކައުންސިލަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުލިބިވާކަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.
އޮޑިޓަރ ޖެނެރަލް ހުސެއިން ނިޔާޒީ ނެރުއްވި ފުވައްމުލަކު ސިޓީ ކައުންސިލްގެ 2023 އަދި 2024ވަނަ އަހަރުގެ މާލީ އަދި ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައިވާ ގޮތުން، މާލީ އަހަރު ނިމުނުއިރު ކައުންސިލަށް ލިބެންޖެހޭ ފައިސާގެ ޖުމްލަ 83,998,000 މިލިއަން ރުފިޔާ އަށް އަރައެވެ.
ރިޕޯޓުގެ މުހިންމު ފާހަގަކުރުންތައް – ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކާއި ފިހާރަ އަދި ކޮޓަރިތަކުން ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ ހޯދުމަށް އެކަށީގެންވާ މަސައްކަތެއް ކުރެވިފައި ނުވާކަން އޮޑިޓުގައި ވަނީ ފާހަގަކޮށްފައެވެ. އަދި ގަވާއިދާ ޚިލާފަށް ކަންކަން ހިނގުން: ބައެއް ބިންތައް ދޫކުރުމުގައްޔާއި، އެއްބަސްވުންތައް އާކުރުމުގައި އުސޫލުތަކާ އެއްގޮތަށް އަމަލުކޮށްފައި ނުވާކަން ވަނީ ފާހަގަވެފައެވެ.
އޮޑިޓަރަ ޖެނެރަލް ވަނީ “އެކިއެކި ބޭނުންތަކަށް ފުވައްމުލަކުން ބިން ދޫކުރުމުގެ ގަވާއިދު” އާ އެއްގޮތަށް، މިހާރު ހިނގަމުންދާ އެއްބަސްވުންތަކުގެ ކުލި މުރާޖާކޮށް، އެ ފައިސާ ހޯދުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ކައުންސިލަށް އަންގަވާފައެވެ.

