ފުވައްމުލަކު އެއާޕޯޓުގެ ފެންސްމަތިން އަރަންއުޅެ މާރާމާރީ ހިންގި ބަޔަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނީ މިދިޔަ އާދިއްތަ ދުވަހުގެ ފަތިހު ފުވައްމުލަކު އެއާޕޯޓުގެ ފެންސްމަތިން އަރަން ތިން މީހަކު އުޅުނު ކަމަށާއި އަދި އެކަން ހުއްޓުވަން އުޅުނު އެއާޕޯޓުގެ ސެކިއުރިޓީ މުވައްޒަފަކަށް އެ ތިން މީހުން ހަމަލާ ދިން ކަމަށެވެ.
އަދި އެ މައްސަލައާ ގުޅިގެން މިދިޔަ އަންގާރަ ދުވަހު އެ ތިން މީހުން ހައްޔަރުކުރި ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލައިގައި ހައްޔަރުކުރީ ފުވައްމުލަކު ހޯދަނޑު/ގުލްކޯޒުގެ، ހަސަން ހުމާމް މުހައްމަދު(28އ.) އާއި ފުވައްމުލަކު ހޯދަނޑު/ޒަމްހަރީގެ އިބްރާހިމް ސިމަން އަހުމަދު(20އ.) އަދި ފުވައްމުލަކު/ ފުނާޑު، ބައްސާމް ސައީދު (29އ.) އެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި އެ ތިން މީހުންގެ ބަންދަށް 15 ދުވަސްވެސް މިހާރު ޖަހާދީފައިވާ ކަމަށެވެ.
އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.