މި އަހަރުގެ ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިންމުމަށް ފަހު, ދަރިވަރުންގެ ޗުއްޓީ ފަށައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ ދެ ހަފްތާގެ ޗުއްޓީއަށް ފަހު ދެވަނަ ޓާމުގެ ކިޔެވުން ފަށާނީ އަންނަ މަހުގެ 10 ވަނަ ދުވަހު އެވެ.
މި ފެށުނު ޗުއްޓީއަކީ ދަރިވަރުންނާއި، މުދައްރިސުންނާއި، ބެލެނިވެރީންނަށް އުފާވެރި ޗުއްޓީއަކަށް ވެގެންދިއުމަށް އެދޭ ކަމަށާއި އަދި އާއިލާ އާއެކު އަގުހުރި، މަޖާ ވަގުތުތަކެއް ހޭދަކުރުމާއެކު ވެސް ފޮތްކިޔުމާ ދުރުނުވެ، ފައިދާކުރަނިވި ގޮތެއްގައި މި ޗުއްޓީގެ ބޭނުންހިފުމަށް އެޑިއުކޭޝަން މިނިސްޓްރީން ދަރިވަރުންނަށް އިލްތިމާސްކުރި އެވެ.
މި އަހަރު ރާއްޖޭގެ ސްކޫލުތަކުގައި 90,000 އެއްހާ ދަރިވަރުން ތަޢުލީމު ހާސިލުކުރަމުންދެއެވެ. އަދި އެ ދަރިވަރުންނަށް ކިޔަވާދެއްވުމަށް 11,000 އެއްހާ މުދައްރިސުން ސްކޫލުތަކުގައި މަސައްކަތް ކުރައްވަމުން ގެންދެ އެވެ.