މި އަހަރު ރާއްޖެއިން ހައްޖަށްދާ ހައްޖުވެރިންގެ ފުރަތަމަ ގްރޫޕް ފުރައިފި އެވެ.
ރާއްޖެއިން ހައްޖުވެރިން ފުރަން ހަމަޖެހިފައި ވަނީ މިއަދާއި މާދަމާ އަދި އަންނަ ބުރާސްފަތީގެ އިތުރުން ހުކުރު ދުވަހު އެވެ.
މި އަހަރު ރާއްޖެއިން ހައްޖަށް ދާ ފުރަތަމަ ފްލައިޓު މިއަދު ފުރިއިރު އެ ފްލައިޓުގައި 235 ހައްޖުވެރިން ސައުދީއަށް ދެ އެވެ.
ހައްޖުވެރިންގެ ދެ ވަނަ ފްލައިޓު މާދަމާ ފުރުމަށް ހަމަޖެހިފައިވާއިރު، އެ ފްލައިޓުގައި 257 ހައްޖުވެރިން ދަތުރު ކުރާނެ އެވެ. އަދި ތިން ވަނަ ފްލައިޓު ބުރާސްފަތި ދުވަހު ފުރުމަށް ހަމަޖެހިފައިވާއިރު، އެ ފްލައިޓުގައި 250 ހައްޖުވެރިން ދަތުރު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
އަންގާރަ އަދި ބުރާސްފަތި ދުވަހު ހައްޖުވެރިން ދަތުރު ކުރާނީ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓުގަ އެވެ. މިއީ އަހަރުތަކެއް ފަހުން ދިވެހިންގެ އަމިއްލަ ގައުމީ އެއާލައިނުގައި ހައްޖަށް ދާ އަހަރެކެވެ.
ހައްޖުވެރިންގެ ފަހު ފްލައިޓު ދަތުރު ކުރާނީ އަންނަ ހުކުރު ދުވަހު އެވެ. އެ ފްލައިޓުގައި 250 ހައްޖުވެރިން ސައުދީއަށް ދާނެ އެވެ.
މި އަހަރު ދިވެހި ހައްޖުވެރިންނަށް މައްކާ ރޫޓު އިނީޝިއޭޓިވްގައި ބައިވެރިވުމުގެ ފުރުސަތު ސައުދީ ސަރުކާރުން ވަނީ ފަހިކޮށްދީފަ އެވެ.
އިނީޝިއޭޓިވްގެ ދަށުން މައްކާ ރޫޓުގައި ހައްޖުވެރިން ސައުދީ އިމިގްރޭޝަނުގައި ޖިއްދާ އެއާޕޯޓުގައި އެރައިވަލް ޕާސްޕޯޓު ސްޓޭމްޕް ޖެހުމަށާއި ލަގެޖް ނަގަން މަޑުކުރަން ނުޖެހޭނެ އެވެ. މަތިންދާ ބޯޓުން ފައިބާ ގޮތަށް ހޮޓަލަށް ދެވޭއިރު، ލަގެޖް ލިބޭނީ ވެސް ހޮޓަލުންނެވެ.