ޅ. ނައިފަރު ފިހާރައެއް ފަޅާލައި ވަގަށް ނެގި ތަކެތި ވަޅުލާފައި ހުއްޓައި ހޯދައިފި އެވެ.
ފުލުހުން ބުނީ އެ މައްސަލައަކީ މި މަހުގެ 13 ވަނަ ދުވަހުގެ ރޭ ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން އެ ތަކެތި ހޯދުމަށް ނައިފަރު ޕޮލިސް ސްޓޭޝަނުން 13 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނުގައި އެ ތަކެތި ހޯދައި ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށެވެ.
އެގޮތުން، އެ ފިހާރައިން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ސެންޓާއި، އަތުކުރީ ގަޑިއާއި، ޓެބްލެޓާއި މޮބައިލް ފޯނުގެ އިތުރުން ރަނާއި ރިހި ހިމެނޭހެން ގަހަނާ ހޯދާފައިވެއެވެ. އަދި ފިހާރައިގެ ކައުންޓަރު ހަލާކުކޮށްލައިގެން ކައުންޓަރުން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ފައިސާ ވެސް ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އޭގެ ތެރެއިން ބައެއް ތަކެތި ހޯދާފައިވަނީ ނައިފަރު ގެއެއް ބަަލައި ފާސްކޮށްފަ އެވެ. ބާކީހުރި ތަކެތި ހޯދާފައިވަނީ ފަޅު ގެއެއްގެ ގޯތިތެރޭގައި ވަޅުލާފައި ހުއްޓަ އެވެ.
އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.