އިތުރު ފަސް އަތޮޅަކަަށް އާރުޓީއެލްގެ ހިދުމަތް ފަށަން ޖަޕާނުގެ އެހީގައި ދިރާސާތައް މި މަހު ފަށަން ނިންމައިިފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ޖަޕާން ސަރުކާރުން ހިންގާ ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެސިސްޓެންސް (ޖައިކާ) ގެ ކޮންސަލްޓަންޓުންނާއި ޓްރާންސްޕޯޓް މިނިސްޓްރީގެ ބޭފުޅުންނާ ދެމެދު އެކަމަ ގުޅޭ މުހިންމު މަޝްވަރާ ބައްދަލުވުމެއް ވެސް މިއަދު ބާއްވާފައިވާ ކަމަށެވެ.
އެގޮތުން ޒޯން 4 (މ، ފ، ދ، ތ އަދި ލ އަތޮޅު) ގައި އާރުޓީއެލްގެ ދަތުރުފަތުރުގެ ނިޒާމު ގާއިމު ކުރުމަށް ކުރަން ހަމަޖެހިފައިވާ ދިރާސާތައް ކުރުމަށް ޖައިކާގެ ފަރާތުން ދޭ އެހީތެރިކަމާ ގުޅޭގޮތުން މަޝްވަރާ ކުރިކަމަށް މިނިސްޓްރީން ބުންޏެވެ.
އެ ބައްދަލުވުމުގައި ޖައިކާގެ ފަރާތުން އާރުޓީއެލް އެ ފަސް އަތޮޅުގައި ފަށަން މި މަހާއި އަންނަ މަހު ފަށަން ހަމަޖެހިފައިވާ ބޭސްލައިން ސާވޭއާބެހޭ ތަފްސީލީ މައުލޫމާތު މިނިސްޓްރީއަށް ދީފަ އެވެ އަދި އޭގެ އިތުރުން، އެ ސާރވޭތައް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ވަގުތު ތާވަލު (ޓައިމްލައިން) ވެސް މިނިސްޓްރީއާ ވަނީ ހިއްސާކޮށްފަ އެވެ.
“ޒޯން 4 ގައި ހިމެނޭ މުއައްސަސާތަކާއި ރައްޔިތުންނަށް ދަތުރުފަތުރުގެ ހިދުމަތްތައް ފަސޭހަކޮށްދިނުމަށް މި ދިރާސާތަކުގެ މުހިންމުކަން ވަރަށް ބޮޑެވެ. ޖައިކާގެ އެހީތެރިކަމާއެކު މި މަސައްކަތްތައް ކުރިއަށް ގެންދެވުމަކީ، ދަތުރުފަތުރުގެ ނިޒާމު ތަރައްގީކޮށް، ރައްޔިތުންނަށް އިތުރު ފަސޭހަތައް ލިބިގެންދާނެ ކަމެއް ކަމަށް ބެލެވެއެވެ.” ޓްރާންސްޕޯޓް މިނިސްޓްރީން އިތުރަށް ބުންޏެވެ.
އާރުޓީއެލްގެ ހިދުމަތް މިހާރު 12 އަތޮޅެއްގައި ދަނީ ދެމުން ނެވެ.