މި އަހަރުގެ ފިތުރު ޒަކާތް ބަހާނީ ފަގީރުންގެ ދަފްތަރުގައި ހިމެނޭ ހުރިހާ ފަރާތްތަކަށް އެއް ހަމައަކުން ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަގީރުންގެ ދަފްތަރުގައި ހިމެނޭ ހުރިހާ ފަރާތްތަކަށް އެއް ހަމައަކުން ފިތުރު ޒަކާތް ބެހުމަށް ނިންމެވީ ޒަކާތުގެ މަގުސަދުގައި ހިމެނޭ އިޖުތިމާއީ އަދާލަތު ގާއިމުކުރުމުގެ ގޮތުން ކަމަށެވެ.
“1446 ވަނަ އަހަރު ފިތުރު ޒަކާތް ބަހަނީ ފަގީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް އެއް ހަމައަކުން ކަމުގައި ދަންނަވަން. މިގޮތުން ދަފްތަރުގައި ހިމެނޭ ކޮންމެ ފަރުދަކަށް 4،500 ރުފިޔާއިން ފިތުރު ޒަކާތް ލިބޭނެ،” ޝަހީމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މީގެކުރިން ޒަކާތް ބަހަމުން އައީ އެ ރަށަކުން ލިބޭ އެއްޗެެއް، ހަމައެކަނި އެ ރަށެއްގެ ދަފްތަރުގައި ހިމެނޭ ފަގީރުންނަށް ލިބޭ ގޮތަށް ކަމުގަ އެވެ. ގެނައި ބަދަލާ އެކު މުޅި ރާއްޖެއަކީ އެއްބައެއް ކަމުގައި ބަލައި، ހުރިހާ އެންމެނަށް އެއްހަމައަކުން ފިތުރު ޒަކާތް ލިބޭނެ ކަމުގަ އެވެ.
މިއީ ރާއްޖޭގެ ފިތުރު ޒަކާތުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ގެނެވުނު މިފަދަ ބަދަލުކަން ޝަހީމް ފާހަގަކުރެއްވި އެވެ.
ފިތުރު ޒަކާތުގެ ގޮތުގައި ރޯދަ މަހުގެ މިހާތަނަށް 12.4 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.