ފަލަސްތީނުގެ ދައުލަތް އުފައްދަން ތާއިދުކުރުމުގައި ރާއްޖެއިން އަބަދުވެސް ދެމި އޮންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އިސްރާއިލަށް ވަކި ދައުލަތެއް ހިމެނޭ ގޮތަށް ފަަލަސްތީނަށް ވެސް ވަކި ދައުލަތެއް އުފައްދަން އދ.ގެ އާންމު މަޖިލީހުގައި ގައި ނެގި ގަރާރަކުން މިއަދު ވަނީ ފާސްކޮށްފަ އެވެ.
އެ ގަރާރަށް ރާއްޖެއިން ވެސް ވަނީ ތާއިދުކޮށް ވޯޓުދީފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެކްސްގައި ވިދާޅުވީ އެ ގަރާރަކީ ފަލަސްތީނުގެ މީހުންގެ ހައްގުތައް ރައްކާތެރިކޮށް ބައިނަލްއަގުވާމީގައުމުތަކުން އެކަތިގަނޑަކަށްވެ ނިންމާ ނިންމުންތައް ހަރުދަނާކުރުމަށް ފާސްކުރެވިގެން ދިޔަ މުހިންމު ގަރާރެއް ކަމަށެވެ.
The New York Declaration on the Peaceful Settlement of the Question of Palestine and the Implementation of the Two-State Solution has been endorsed by the @UN General Assembly today.
The Maldives supports this declaration, and it's call for collective action to advance peace…
— Dr Mohamed Muizzu (@MMuizzu) September 12, 2025
އަދި 1967ގެ ކުރީގެ ބޯޑަރުތަކާ އެއްގޮތަށް އިރުމަތީ ގުދުސް ވެރިރަށުގެ ގޮތުގައި ކަނޑައަޅައި ފަލަސްތީނަށް މިނިވަން ވަކި ދައުލަތެއް އުފައްދަން ތާއިދުކުރުމުގައި ރާއްޖެއިން ދެމި އޮންނާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ފަލަސްތީނުން ވަކި ދައުލަތެއް އުފެއްދުމުގެ ވާހަކަތައް ދައްކަމުންދާތާ އެތައް އަހަރެއް ވަނީ ވެފަ އެވެ. ހުދު އިސްރާއިލުން ވެސް އެ ހުށަހެޅުމުން ކުރިން ތާއިދުކޮށް ވާހަކަ ދެއްކިނަމަވެސް އިސްރާއިލުގެ އަމަލުތަކުން އަބަދުވެސް ދައްކަމުން ދިޔައީ ދިމާ އިދިކޮޅެވެ. އެގޮތުން ފަލަސްތީނުގެ ބިންތައް އިތުރަށް ފޭރި ދިޔައީ ޔަހޫދީ އާބާދީތައް އެ ތަންތަނުގައި އަޅަމުން ނެވެ.
އަދި މިހާރު އިސްރާއިލުން ބުނަމުންދަނީ ދުވަހަކުވެސް ފަލަސްތީނުގެ ދައުލަތެއް އުފެއްދިޔަ ނުދޭނެ ކަމަށެވެ.