ރާއްޖޭގައި އުމްރާއަށް މީހުން ގެންދާ ގްރޫޕެއް ކަމަށްވާ އަސްކޮއި ހައްޖު އެންޑް އުމްރާ ޓޫއާޒް ޕްރައިވެޓް ލިމިޓެޑްއިން ފައިސާ ނެގުމަށް ފަހު އުމްރާއަށް މީހުން ނުގެންދިއުމުން ފުލުހުން އެ މައްސަލަ ބަލަން ފަށައިފި އެވެ.
ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނީ އެކަން ސަމާލުކަމަށް އައުމާއެކު ކަމާ ގުޅުން ހުރި އިދާރާތަކާ މަޝްވަރާކޮށް ފުލުހުންގެ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންއިން އެ މައްސަލަ ތަހުގީގުކުރަން ފަށާފައިވާ ކަމަށެވެ.
އަސްކޮއި ގްރޫޕްގެ ފަރާތުން އެފަދަ ކަމެއް އިތުރު ފަރާތަކަށް ދިމާވެފައިވާ ނަމަ އެކަން އިކޮނޮމިކް ކްރައިމްގެ ނަންބަރޔ 9790048 އަށް ގުޅައި ނުވަތަ ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންއަށް ހާޒިރުވެ މައްސަލަ ހުށަހެޅުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
މިދިޔަ ރޯދައިގެ ފަހު 15 އާއި ޝައްވާލު މަހުގެ ހަ ރޯދަ ހިމެނޭ ގޮތަށް އުމްރާއަށް ގެންދިއުމަށް އަސްކޮއި ގްރޫޕުން މީހުންގެ އަތުން ފައިސާ ނެގުމަށް ފަހު ނުގެންދިޔަ މައްސަލައެއް ވެސް ފެންމަތިވި އެވެ.
އެ މައްސަލައިގައި މިދިޔަ މޭ މަހު އަސްކޮއި 130,000 ރުފިޔާއިން ޖޫރިމަނާކޮށް 30 ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް އަންގައި މީހުންގެ އަތުން ނެގި ފައިސާ ދައްކަން ވެސް އިސްލާމިކް މިނިސްޓްރީން އެންގި އެވެ.