މިހާރު ސަސްޕެންޝަންގައި ތިއްބެވި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންކަމަށްވާ މަހާޒު އަލީ ޒާހިރު އަދި ޑރ. އަޒްމިރާލްދާ ޒާހިރުއަށް ޖަވާބުދާރީ ވުމުގެ ފުރުސަތު ނުދީ މަގާމުން ވަކިކުރަން އުޅޭތީ އެކަން މަޑުޖައްސާލަން ނޭޕާޅުގެ ބާ އެސޯސިއޭޝަންއިން ގޮވާލައިފި އެވެ.
ފަނޑިޔާރުން ވަކިކުރަން މަޖިލީހުގެ މިދިޔަ ހޮނިހިރު ޖުޑިޝަރީ ކޮމިޓީން ނިންމައި އެންމެ ފަހުގެ ނިންމުން ނިންމަން ތަޅުމަށް ފޮނުވާފައިވާ އިރު އިންޑިއާގެ ބާ އެސޯސިއޭޝަންއިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެ މައްސަލައާ ގުޅިގެން ނޭޕާލުގެ ބާ އެސޯސިއޭޝައިން ނެރުނު ބަޔާނުގައި ބުނީ ޑިމޮކްރެޓިކް ވެއްޓެއްގެ އެންމެ މުހިންމު އެއް އަސާސަކީ މިނިވަން ޖުޑިޝިއަރީ ކަަަމަށާއި އެކަމަށް އަސަރު ފޯރާފަދަ އެފަދަ މައްސަލަތައް ކުރިއަށް ގެންދަންވާނީ އަދުލުވެރިކަމާއެކު ދެފުށް ފެންނަ ގޮތަށް ޑިއު ޕްރޮސެސްއާއެކު ކަމަށެވެ.
އަދި ފަނޑިޔާރުންނަށް ޖަވާބު ދާރީވުމުގެ ފުރުސަތު ދީފައިނުވާކަން ރާއްޖޭގެ ބާ ކައުންސިލްއިން ބުނެފައިވާތީ އެކަން ނޭޕާލުގެ ބާ ކައުންސިލްއިން ވެސް ފާހަގަކުރި އެވެ.
އެހެންވެ ރާއްޖެއިން ގާނޫނަށް ފުރިހަމައަށް ބޯލަނބާކަމާ މެދު ސުވާލު އުފެދޭ ކަމަށް ވެސް ނޭޕާލުގެ ބާ އެސޯސިއޭޝަނުން ބުންޏެވެ.
އެހެންކަމުން ރާއްޖޭގެ ބާ ކައުންސިލްއިން ފާހަގަކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށް އެ މައްސަލަ ކުރިއަށް ގެންދިއުން މަޑުޖައްސާލަން ނޭޕާލުގެ ބާ އެސޯސިއޭޝައިން ގޮވާލި އެވެ.
ދެ ފަނޑިޔާރުން ވަކިކުރުމަށް އެ ކޮމިޝަނުން ނިންމާފައި ވަނީ މަސާޖު ޕާލާއަކުން އަޒްމިރަލްދާގެ ފިރިކަލުން އަދި އައިޖީއެމްއެޗުގެ ޑޮކްޓަރު އިސްމާއީލް ލަތީފް ހައްޔަރުކޮށް، ބަންދުކުރަން ހާޒިރުކުރުމުގެ ކުރިއަށް އޭނާ ދޫކޮށްލުމަށް ކްރިމިނަލް ކޯޓުގެ ގާޒީންނަށް އަޒްމިރަލްދާ އާއި މަހާޒު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގަ އެވެ.
މުއްދަތެއް ނެތް ގޮތަށް ފަނޑިޔާރުން ސަސްޕެންޑްކުރީ ޕާޓީން ވަކިކޮށްގެން ރައްޔިތުންގެ މަޖިލިހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ބަދަލު ގެނައި މައްސަލަ ސުޕްރީމް ކޯޓުން ކުރިއަށް ގެންދަން ނިންމާފައި ވަނިކޮށެވެ.