ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރެއް ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރު އާއި މަހާޒު އަލީ ޒާހިރު ފަނޑިޔާރު ކަމުން ވަކިކުރުމުގެ މައްސަލަ މާދަމާގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.
މާދަމާގެ ޖަލްސާގެ އެޖެންޑާގައި އޮތީ ފަނޑިޔާރުން ވަކިކުރުމާ މެދު ޖުޑިޝަރީ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓަށް ބަހުސްކުރުމެވެ. އެ ބަހުސްގެ ވަގުތު މިރޭ އޮންނަ އާންމު ކޮމިޓީގެ ބައްދަލުވުމުގައި ނިންމާނެ އެވެ.
ސިއްރުން ކުރިއަށް ގެންދިޔަ ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމެއްގައި ވެރިކަންކުރާ ޕީއެންސީގެ މެންބަރުންގެ ވޯޓުން ފާސްކުރީ ފަނޑިޔާރުން ވަކިކުރުމަށް ޖޭއެސްސީން ނިންމީ ރަނގަޅަށް ކަމަށެވެ. އަދި އެ ގޮތަށް މަޖިލީހުގެ ތަޅުމަށް ބަހުސްކޮށް ވޯޓަށް އެހުމަށް ފޮނުވުމަށެވެ.
ކޮމިޓީ ސިއްރުކުރުމުން އެ ކޮމިޓީގައި ތިއްބެވި އިދިކޮޅު އެމްޑީޕީގެ ދެ މެންބަރުން އެ ދުވަހު ކޮމިޓީ ބޮއިކޮޓް ކުރެއްވި އެވެ.
ދެ ފަނޑިޔާރުން ވަކިކުރުމަށް އެ ކޮމިޝަނުން ނިންމާފައި ވަނީ މަސާޖު ޕާލާއަކުން އަޒްމިރަލްދާގެ ފިރިކަލުން އަދި އައިޖީއެމްއެޗުގެ ޑޮކްޓަރު އިސްމާއީލް ލަތީފް ހައްޔަރުކޮށް، ބަންދުކުރަން ހާޒިރުކުރުމުގެ ކުރިއަށް އޭނާ ދޫކޮށްލުމަށް ކްރިމިނަލް ކޯޓުގެ ގާޒީންނަށް އަޒްމިރަލްދާ އާއި މަހާޒު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގަ އެވެ.
މުއްދަތެއް ނެތް ގޮތަށް ފަނޑިޔާރުން ސަސްޕެންޑްކުރީ ޕާޓީން ވަކިކޮށްގެން ރައްޔިތުންގެ މަޖިލިހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ބަދަލު ގެނައި މައްސަލަ ސުޕްރީމް ކޯޓުން ކުރިއަށް ގެންދަން ނިންމާފައި ވަނިކޮށެވެ.
ފެބްރުއަރީ 26 ގައި މި ދެ ފަނޑިޔާރުންގެ އިތުރުން ހުސްނުއްސުއޫދު ވެސް ސަސްޕެންޑްކުރި އެވެ. އޭނާ ވަނީ މާޗު 4 ގައި ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވައިފަ އެވެ.