ވިޔަފާރީގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުމަށް އަންހެނުންނަށް ހާއްސަ ލޯން ސްކީމެއް ތައާރަފުކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވެލެއްވި ވައުދުފުޅާ އެއްގޮތަށް އަންހެން ވިޔަފާރިވެރިންނަށް ހާއްސަކޮށް ދޫކުރާ “ފަށާ މަދަދު” ލޯނުގެ ދެވަނަ ފިޔަވަހީގެ ދަށުން ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ވިޔަފާރީގައި ހަރަކާތްތެރިވާ އަންހެނުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެކުލަވާލާފައިވާ “ފަށާ މަދަދު” ލޯން ސްކީމްއަށް 100 މިލިޔަން ރުފިޔާ ކަނޑައަޅާފައިވާއިރު ކޮންމެ ފިޔަވައްސަކަށް 20 މިލިޔަން ރުފިޔާ ވަނީ ހާއްސަކޮށްފަ އެވެ. މީގެ އިތުރުން މި ލޯން ސްކީމްގައި %25 ހާއްސަ ކޮށްފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށެވެ.
އޭގެ ދަށުން އަހަރަކު 6 އިންސައްތައިގެ އިންޓްރެސްޓާއެކު އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށް 100،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ލޯނު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. ލޯނަށް ގިނަވެގެން 12 މަސްދުވަހުގެ ގްރޭސް މުއްދަތެއް ލިބޭނެ އެވެ. އަދި ލޯނު 7 އަހަރު ދުވަހަަށް ބަހާލައިގެން ދެއްކޭނެ އިންތިޒާމު ވެސް ހަމަޖެހިފައިވެ އެވެ. “ފަށާ މަދަދު” ލޯނަށް އެދުމުގެ ސުންގަޑިއަކީ އޮގަސްޓްމަހުގެ 31ވާ އާދީއްތަ ދުވަހެވެ.
އަންހެނުންނަށް ހާއްސަކޮށްގެން ދޫކުރާ ލޯނަކީ އެސްޑީއެފްސީއާއި އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ އިތުރުން އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާ ގުޅިގެން ވިޔަފާރީގައި ހަރަކާތްތެރިވާ އަންހެނުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ ސްކީމްއެކެވެ.