ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު، “މޯލްޑިވްސް އެކްސްޕޯ 2025” ގައި ބައިވެރިވި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ދާއިރާއިން އެއް ވަނަ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ސްޓެލްކޯ) ގެ “ރީޖަނަލް ސްކާޑާ” އަށް ލިބިއްޖެ އެވެ.
ހުޅުމާލެ ސެންޓްރަލް ޕާކުގައި މިރޭ އެ މައުރަޒު އާންމުންނަށް ހުޅުވާލުމުގެ ކުރިން ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވަނީ މައުރަޒުން ވަނަތައް ލިބުނު ފަރާތްތަކަށް އިނާމު ހަވާލުކޮށްފަ އެވެ.
އެގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ދާއިރާއިން އެއް ވަނަ ހާސިލުކުރީ ސްޓެލްކޯއިންނެވެ.
ސްޓެލްކޯއާ އެވޯޑު ހަވާލުކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެ އެވޯޑާ ކުންފުނީގެ ފަރާތުން ހަވާލުވެވަޑައިގަތީ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ އެވެ.
Alhamdulillah! We’re proud to announce that Team STELCO has won 1st Place in the SOE Category at #MaldivesExpo2025!
Our winning showcase featured the “Regional SCADA” system – Regional SCADA is a system we developed to monitor all power generation aspects of STELCO islands.… pic.twitter.com/3VbX5yy6PO
— STELCO (@STELCOMALDIVES) May 22, 2025
ސްޓެލްކޯއިން މައުރަޒުގައި ދައްކާލީ އެ ކުންފުނިން ތައްޔާރުކުރި ސްކާޑާ ސިސްޓަމް އެވެ.
އެވޯޑާ ގުޅިގެން “އެކްސް” ގައި ކުރި ޕޯސްޓެއްގައި ސްޓެލްކޯއިން ބުނީ މިއީ ކަރަންޓް ކެނޑުމުގެ މައްސަލަތައް މަދުކޮށް މައްސަލަތައް ފަސޭހައިން ދެނެގަނެ، ހައްލުކޮށް އަދި ކުރިއަށް އޮތް ތަނުގައި ޑިމާންޑާ އެއްވަރަށް ކަރަންޓް އުފައްދަން ޕްލޭން ކުރުމުގެ ގާބިލުކަން ލިބިފައިވާ ސިސްޓަމެއް ކަމަށެވެ.
އުފެއްދުންތެރިކަމުގެ މައުރަޒު ކުރިއަށް ދާނީ މިރެއިން ފެށިގެން ފެށިގެން މި މަހުގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ. މައުރަޒު އާންމުންނަށް ހުޅުވާލުމަށް ހަމަޖެހިފައި ވަނީ މިރޭ 8:30 ގަ އެވެ.
މައުރަޒުގައި ހދ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ގިނަ ރަށްތަކަކުން ބައިވެރިވެފައިވެ އެވެ. އެންމެ ގިނަ ތަކެތި ބައިވެރިކޮށްފައި ވަނީ މާލެއިންނާއި ބ. ތުޅާދޫއިންނެވެ. މައުރަޒުގައި 3،600 އަށް ވުރެ ގިނަ ތަކެތި ބައިވެރިކުރުމަށް އެޕްލިކޭޝަން ފޯމު ފުރާފައިވެ އެވެ.
މިހާތަނަށް ރާއްޖޭގައި ބޭއްވޭ އުފެއްދުންތެރިކަމުގެ އެންމެ ބޮޑު މި މައުރަޒު އިންތިޒާމްކޮށް ކުރިއަށް ގެންދަނީ އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މިނިސްޓްރީ އާއި ބިޒްނަސް ސެންޓަ ކޯޕަރޭޝަން (ބީސީސީ) ގުޅިގެންނެވެ.