
ރާއްޖޭގައި މަސައްކަތްކުރަމުން ދަނިކޮށް 2021ވަނަ އަހަރު މަރުވި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސް އިސްލާމްވެއްޖެއެވެ.
މޭރީ ދަންޖެހިގެން އަމިއްލައަށް މަރުވީ ކަމަށް ބުނެ އޭނާގެ ހަށިގަނޑު އައިޖީއެމްއެޗްއަށް ގެންދިޔައީ ވެސް މާވިންއެވެ. މާވިންއަކީ ވެސް ނަރުހެކެވެ. ނަމަވެސް އެ މަރުގައި ޝައްކުތަކެއް ހުރެގެން ފަހުން މާވިން ހައްޔަކުރިގޮތަށް އޭނާ މިހާރުވެސް ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.
އެ މައްސަލައިގައޮ ޝަރީއަތުގެ އަޑުއެހުމެއް މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔައިރު އެ މައްސަލަ މިހާރު ބައްލަވާ ގާޒީ މުޒައްމިލު ނާސިރު ވަނީ އިސްލާމިކް މިނިސްޓްރީން ކޯޓަށް ފޮނުވި ސިޓީއަކާ ހަވާލާދީ މާވިން އިސްލާމްވެފައިވާކަން ހާމަކޮށްފައެވެ. އަދި އޭނާގެ ނަން ޔޫސުފްގެ ނަމަށް ވެސް ބަދަލުކޮށްފައިވާކަމަށް ގާޒީ ވިދާޅުވިއެވެ.
މޭރީގެ މަރުގެ މައްސަލައިގައި އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދިވެހި ނަރުސް ހަލީމަތު ލަމްހާވެސް ހައްޔަރުކުރި އެވެ. އެ މައްސަލައިގައި ޝަރީއަތް ނިމެންދެން ލަމްހާވެސް ހައްޔަރުކޮށްފައި ހުރުމަށްފަހު 2024ވަނަ އަހަރު ބަންދުން ދޫކޮށްލިއެވެ.
މޭރީގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމުން އޭނާގެ ބޮލަށް އަނިޔާ ކުރުމުގެ އިތުރުން ނޭވާ ހާސްކޮށްގެން މަރައިލައިފައިވާކަން ވަނީ ހާމަވެފައެވެ.

