
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބުރާސްފަތި ދުވަހު ވަނީ އޮމާންގެ ސުލްތާން ހައިޘަމް ބިން ތާރިގް އަލް-ސައީދު، ފަރަންސޭސި ރައީސް އިމަނުއަލް މެކްރޮން އަދި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމާ ވަކިވަކިން ފޯނުން ގުޅުއްވައި، މެދުއިރުމަތީގެ މަސްރަހާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ. މި ބައްދަލުވުންތަކުގައި މޯދީ ވަނީ ސަރަހައްދުގެ ނުތަނަވަސްކަން ކުޑަކޮށް، މަސްރަހު ފިނިކުރުމަށް ކުރަމުންދާ އިލްތިމާސް ތަކުރާރު ކުރައްވާފައެވެ.
އޮމާންގެ ސުލްތާނާއެކު ދެއްކެވި ވާހަކަފުޅުގައި، އޮމާންގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން އިންޑިއާއިން ކުށްވެރިކުރާ ކަމަށް މޯދީ ވިދާޅުވިއެވެ. މީގެ އިތުރުން ހޯރްމޫޒް ކަނޑުއޮޅިން ދަތުރުފަތުރު ކުރުމުގެ މިނިވަންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އިންޑިއާ އާއި އޮމާން އެކުގައި ސާބިތުވެ ތިބިކަން މޯދީ ފާހަގަކުރެއްވިއެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް ‘އެކްސް’ ގައި ކުރެއްވި ޕޯސްޓުތަކެއްގައި މޯދީ ވިދާޅުވީ، ފަރަންސޭސި ރައީސް މެކްރޮންއާ އެކު މަސްރަހު ފިނިކުރުމުގެ މުހިންމުކަމާ ބެހޭގޮތުން ވާހަކަދެއްކެވި ކަމަށާއި، އަލުން ހަނގުރާމައިގެ ބަދަލުގައި ޑިޕްލޮމަސީ އާއި ވާހަކަދެއްކުމުގެ މަގު އިޚްތިޔާރު ކުރަންޖެހޭ ކަމަށެވެ. އަދި ސަރަހައްދީ ހަމަޖެހުމަށްޓަކައި ދެ ގައުމު ގުޅިގެން މަސައްކަތް ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމާ ވާހަކަފުޅު ދައްކަވަމުން، މެދުއިރުމަތީގެ ކަންބޮޑުވާ ހާލަތާ ބެހޭގޮތުން މަޝްވަރާ ކުރެއްވި ކަމަށާއި، ސުލްހަ ގާއިމުކުރުމަށް ދެ ގައުމުން ކުރާ މަސައްކަތުގައި ސާބިތުވެ ތިބިކަން މޯދީ ހާމަކުރެއްވިއެވެ.
މީގެ އިތުރުން، ސަރަހައްދުގެ އެކި ސަރަހައްދުތަކުގައި ހުރި ހަކަތަ އުފައްދާ މަރުކަޒުތަކަށް ދޭ ހަމަލާތަކާ މެދު އިންޑިއާގެ ޚާރިޖީ ވުޒާރާއިން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ. އާންމުން ބޭނުންކުރާ ވަސީލަތްތަކަށާއި ހަކަތަ ފޯރުކޮށްދޭ ތަންތަނަށް ހަމަލާ ނުދިނުމަށް އިންޑިއާއިން މީގެ ކުރިންވެސް ވަނީ ގޮވާލާފައެވެ.
އިންޑިއާއިން ބުނި ގޮތުގައި މިފަދަ ހަމަލާތަކުގެ ސަބަބުން މުޅި ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ނޭދެވޭ އަސަރުތަކެއް ކުރާނެއެވެ. އަދި މިފަދަ ހަމަލާތަކަކީ ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށާއި، އެކަން ވަގުތުން ހުއްޓާލަން ޖެހޭ ކަމަށްވެސް ނިއުދިއްލީން ބުނެފައިވެއެވެ.
އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފަށާފައިވާ އަސްކަރީ ކެމްޕޭނާ ގުޅިގެން މެދުއިރުމަތީގެ ނުތަނަވަސްކަން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މި ހަމަލާތަކުގައި މިހާތަނަށް 1,200 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި އީރާނުގެ އޭރުގެ ރޫހާނީ ތަޅުވެރިޔާ އަލީ ޚާމަނޭއީ ވެސް ހިމެނެއެވެ.
މީގެ ރައްދުގައި އީރާނުން ވަނީ ގަލްފް ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީ، ދުނިޔޭގެ ހަކަތަ ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ހޯރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލް އެގައުމުގެ ދަށަށް ގެންގޮސްފައެވެ.
މިދިޔަ ބުދަ ދުވަހު އިސްރާއީލުން އީރާނުގެ ސައުތު ޕާސް ގޭސް ފީލްޑަށް ދިން ހަމަލާއެއްގައި ދެ ރިފައިނަރީއެއްގެ މަސައްކަތް ހުއްޓިފައިވާއިރު، އީރާނުން ވަނީ މީގެ ބަދަލުހިފުމުގެ ގޮތުން ޔޫއޭއީ، ގަތަރު އަދި ސައުދީ އަރަބިއްޔާގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް ހަމަލާދީފައެވެ.

