މިދިޔަ މެއި މަހު ފުލުހުންނަށް އެންމެ ގިނައިން ހުށަހަޅާފައި ވަނީ ވައްކަމުގެ މައްސަލަތައް ކަމަށް އެ އިދާރާގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ފުލުހުންގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އޭޕްރީލް މަހާ އަޅާބަލާއިރު، ނިމުނު މެއި މަހު ހުށަހެޅި މައްސަލަތަކުގެ އަދަދު ވަނީ އިތުރުވެފަ އެވެ. މެއި މަހު ޖުމްލަ 1،020 މައްސަލައެއް ހުށަހެޅިއިރު، އޭޕްރީލް މަހު ހުށަހަޅާފައި ވަނީ 738 މައްސަލަ އެވެ.
ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކަށް ބަލާއިރު އެންމެ ގިނައިން ހުށަހަޅާފައި ވަނީ ވައްކަމުގެ މައްސަލަ އެވެ. އެގޮތުން ވައްކަމުގެ 327 މައްސަލަ ވަނީ ހުށަހަޅާފަ އެވެ. މެއި މަހު ދެ ވަނައަށް އެންމެ ގިނައިން ހުށަހެޅީ ޓްރެފިކް އެކްސިޑެންޓުތަކުގެ މައްސަލަތަކެވެ. އެގޮތުން ޓްރެފިކް އެކްސިޑެންޓުގެ 269 މައްސަލަ ހުށަހަޅާފައިވެ އެވެ.
ތިން ވަނައަށް އެންމެ ގިނައިން ހުށަހަޅާފައި ވަނީ މަސްތުވާތަކެތީގެ މައްސަލަތަކެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މަސްތުވާތަކެތީގެ 178 މައްސަލައެއް މިދިޔަ މަހު ފުލުހުންނަށް ހުށަހެޅި އެވެ.
މެއި މަހު ފުލުހުންނަށް ހުށަހެޅި އެހެން މައްސަލަތައް:
- އެއްޗެތި ގެއްލިގެން 71 މައްސަލަ
- އަނިޔާގެ 55 މައްސަލަ
- މުދަލަށް ގެއްލުން ދިނުމުގެ 48 މައްސަލަ
- ޖިންސީ ގޯނާ ކުރުމުގެ 25 މައްސަލަ
- ހިޔާނާތުގެ 21 މައްސަލަ
- ފޭރުމުގެ 20 މައްސަލަ
- ގެވެށި އަނިޔާގެ 16 މައްސަލަ
- ފޯޖް ކުރުމުގެ 4 މައްސަލަ