
ރާއްޖޭގައި މެރިކަލްޗާ ސިނާއަތެއްގެ ގޮތުގައި ތަރައްގީކޮށް ކުރިއެރުވުމުގެ ގޮތުން އެ ދާއިރާގައި ހަރަކާތްތެރިވާ އަދި އަލަށް ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މޫދުކޮށި ގަންނަން ފައިނޭންސިން ޕްރޮގްރާމެއް މިއަދު އިފްތިތާހުކޮށްފިއެވެ.
އެސްއެމްއީ ޑިޖިޓަލް އަދި ފިޝަރީޒް މިނިސްޓްރީން ގުޅިގެން ކުރިއަށް ގެންދާ އެ ޕްރޮގްރާމްގެ ދަށުން މޫދުކޮށި ކޮށިތައް ދޫކުރާނީ ފިޝަރީޒް މިނިސްޓްރީއިން އެވެ. އަދި މި ކޮށިތައް ގަންނަން ބޭނުންވާ ފަރާތްތަކަށް އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް، ލުއިފަސޭހަ އިސްލާމީ އުސޫލުތަކެއްގެ ދަށުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖައްސައިދީފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.
އަދި މެރިކަލްޗާ ފައިނޭންސިންގއަށް އަށް އެދި ހުށަހެޅުމަށްwww.smedigital.mv ގައި ހިމެނޭ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް، އަންނަ ހޮނިހިރު ދުވަހު ހުޅުވާލާނެކަމަށް ވެސް މިނިސްޓްރީން ބުންޏެެވެ.
އެ ޕްރޮގްރާމްގެ ދަށުން ޖުމްލަ 200 މޫދުކޮށި ފައިނޭންސް ކޮށްދިނުމަށް ހަމަޖެހިފައިވާއިރު، 80،000 ރުފިޔާއާއި 640،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ފައިނޭންސް ފޯރުކޮށްދޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ. އަދި ފައިސާ އަނބުރާ ދައްކަން ގިނަވެގެން ހަ އަހަރު ދުވަހުގެ މުއްދަތެއް ހަ މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމެނޭހެން ލިބޭނެކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.

