ބ. ކެންދޫގައި މެންދުރުއްސުރެ ރަނގަޅަށް ކަރަންޓު ނުލިބޭތީ އެ ރަށުގެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެެ.
މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު މިއަދު އެކްސްގައި ވިދާޅުވީ ކެންދޫގެ ރައްޔިތުން މިއަދު 2:30 ހުން ފެށިގެން ކަރަންޓު ނުލިބޭ ކަމަށެވެ. އަދި މިރޭވެސް ކަރަންޓް ލިބޭނެ ކަމުގެ އެއްވެސް އުއްމީދެއް ނެތްކަމަށް އެ ރަށުގެ އިންޖީނުގެއިން މައުލޫމާތު ދިން ކަމަށް އޭނާ ވިދާޅުވި އެވެ.
“މި މައްސަލަ ސަރުކާރުގެ ސަމާލުކަމަށް އަޅުގަނޑު ވާނީ ރަމަޟޯން މަހުގެ ކުރީންވެސް ގެނެސްފައި، ނަމަވެސް ދާއިމި ހައްލެއް ގެނެވިފައި ނުވުމުގެ ސަބަބުން މިހާލަތަށް މިދިޔައީ، ރައްޔިތުންނަށް ކަރަންޓްގެ ހިދުމަތް އަވަހަށް ފޯރުކޮށްދެއްވުމަށް ގޮވާލަން!” މައުރޫފް ވިދާޅުވި އެވެ.
ބ ކެންދޫގެ ރައްޔިތުން މިއަދު 2:30 ހުން ފެށީގެން ތިބީ ކަރަންޓު ނުލިބި، އަދި މިރޭވެސް ކަރަންޓް ލިބޭނެ ކަމުގެ އެއްވެސް އުއްމީދެއް ނެތްކަމަށް އިންޖީނުގެއިން މައުޅުމާތު ދޭ! މި މައްސަލަ ސަރުކާރުގެ ސަމާލުކަމަށް އަޅުގަނޑު ވާނީ ރަމަޟޯން މަހުގެ ކުރީންވެސް ގެނެސްފައި، ނަމަވެސް ދާއިމި…
— Mauroof-TEAM (@MateyZakir) April 15, 2025
ކެންދޫ ކައުންސިލްގެ ރައީސް އިބްރާހިމް އަބްދުއް ރަހުމާން “ދެން” އަށް ވިދާޅުވީ ކަރަންޓު މިހާރު ދެމުން ގެންދަނީ ބައި ގަޑިން ބައިގަޑިން ކަނޑަމުން ކަހަލަ ގޮތަކަށް ކަމަށެވެ.
އޭނާ ވިދާޅުވީ އެ މައްސަލަ ދިމާވީ ދެ އިންޖީނަކަށް މައްސަލަ ދިމާވެގެން ކަމަށާއި އެކަން ދިމާވެގެން މައްސަލަ ހައްލުކުރަން ވާހަކަތައް ދައްކަމުންދާތާ ދުވަސްތަކެއް ވެދާނެ ކަމަށެވެ.
“ކުރިން ފެނަކައާ ބައްދަލުކުރީމަ ބުނީ 600 ކިލޯވޯޓުގެ ޖަނެރޭޓަރެއް ފޮނުވަދޭނަމޭ. އެކަމު މިހާރު އެނގިއްޖެ ފޮނުވަން އޮތް ޖަަނެރޭޓަރު އެހެން ރަށަކަށް ފޮނުވިކަން” ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
ކެންދޫގެ އިތުރުން އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައަށް ވެސް އަދިވެސް ހައްލު ނުލިބޭތީ އެ ސިޓީގެ މީހުންގެ ނުރުުހުން ވަނީ ބޮޑުވެފަ އެވެ. ކެޕޭސިޓީގެ މައްސަލަ އަބަދުވެސް ބޮޑެވެ. އިންޖީނުތަކާއި ޖެނެރޭޓަރުތައް ހަލާކުވެގެން މި ފަހަކުން އައްޑޫގެ ގުޅިފައިވާ ހަތަރު ރަށަށް ކަރަންޓު ކެނޑުން ދިޔައީ، ވަކި ތާވަލެއްގެ ދަށުން ވަކި އިރެއް ވަންދެން އެކި ގެއިން ކަރަންޓު ކަނޑަމުންނެވެ.