ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ ކުޑަކުރުމަށް ގޮވާލާ އޮންލައިން ޕެޓިޝަނެއްގައި ސޮއިކުރުމުގެ ހަރަކާތެއް ފަށައިފި އެވެ.
ޗޭންޖު ޑޮޓް އޯގްގައިވާ މި ޕެޓިޝަނުގައި ކަންބޮޑުވުން ފާޅުކޮށްފައިވަނީ މަޖިލިސް މެންބަރުންނަށް ދެވޭ ބޮޑު މުސާރައިގެ އިތުރުން ކޮމިޓީތަކުގެ މަސައްކަތްތަކުގައި ބައިވެރިވުމުން ދެވޭ އިނާޔަތާއި، މަޖިލިސް މެންބަރުންނަށް ހަރަދުކުރާ ޕްރިމީއަމް ހެލްތު އިންޝުއަރެންސް އަދި ކުރީގެ މެންބަރުންނަށް ދޭ ހިދުމަތުގެ އިނާޔަތުގެ ސަބަބުން މާލީ ގޮތުން ދައުލަތަށް ބޮޑު ބުރައެއް އުފުލަން ޖެހިފައިވާތީ އެވެ.
މި އަހަރާއި ކުރިއަށް މި އޮތް އަހަރުތަކުގައި ބޭރަށް ބޮޑު ދަރަންޏެއް ދައްކަން ޖެހިފައިވާތީ، މި ދަނޑިވަޅަކީ ދައުލަތުން ކޮންމެހެން ހަރަދުކުޑަކުރަން ޖެހޭ ކަންކަމުގައި ހަރަދު ކުޑަކުރަން ޖެހިފައިވާ ވަގުތެއް ކަން ވެސް ޕެޓިޝަނުގައި ފާހަގަކޮށްފައިވެ އެވެ.
މިހާރުގެ މެންބަރުންގެ މުސާރަ ކުޑަކުރުމުގެ އިތުރަށް، އާންމު މީހުނަށް ލިބޭ ހެލްތު އިންޝުއަރެންސެއް ހަމަޖެއްސުމަށާއި ކޮމިޓީ އެލަވަންސް އުވާލުމަށް އަދި ކުރީގެ މެންބަރުންގެ އިނާޔަތް ވެސް ކަނޑާލުމަށް ޕެޓިޝަންގައި ގޮވާލާފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް މަހަކު ދެނީ 42،500 ރުފިޔާގެ މުސާރަ އެކެވެ. ލިވިން އެލަވަންސްއަށް 20،000 ރުފިޔާ ދެ އެވެ. އަދި ކޮމިޓީތަކުގެ މަސައްކަތްތަކުގައި ބައިވެރިވުމުން މަހަކު 20،000 ރުފިޔާ ދެ އެވެ. ޖުމުލަ މަހަކު 82،500 ރުފިޔާ އެވެ.
މީގެ އިތުރުން ޖޫން 2014އިން ފެށިގެން ކޮންމެ މަހަކު ކުރީގެ މެންބަރުންގެ ތެރެއިން 55 އަހަރު ފުރިފައިވާ މެންބަރުންނަށް ހިދުމަތުގެ އިނާޔަތެއް ދެ އެވެ. އެއް ދައުރު ފުރިހަމަކޮށްފައިވާ މެންބަރުންނަށް 12,750 ރުފިޔާ އަދި ދައުރަކަށް ވުރެ ގިނަ ދައުރު ފުރިހަމަކޮށްފައިވާ މެންބަރުންނަށް 19,125 ރުފިޔާ ދެ އެވެ.