ނުރައްކާތެރި، ގައިން ގަޔަށް އަރާ “އިންވޭސިވް މެނިންގޯކޮކަލް” ގެ ކޭސް އެއް ރާއްޖެއިން ފެނިފައިވާއިރު، އަދި މިހާތަނަށް އިތުރު ކޭހެއް ރިކޯޑް ކުރެވިފައިނުވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.
މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ރާއްޖެއިން ފެނިފައިވާކަން އެޗްޕީއޭއިން ހާމަކުރީ އިއްޔެ އެވެ. އެ ކޭސްއާ ގުޅިގެން ކަމާ ބެހޭ މައުލޫމާތު އެއްކޮށް، ކޮންޓެކްޓް ޓްރޭސިންގް ހަދާ، ހައި ރިސްކް ކޮންޓެކްޓުންނަށް ބަލިން ރައްކާތެރިވުމަށްދޭ ޕްރޮފައިލެކްޓިކް ބޭސް ދިނުމާއި، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.
އެނގިފައިވާ ގޮތުން އެ ކޭސް ފެނުނީ މެލޭޝިޔާއިން ރާއްޖެ އައި ދިވެއްސެއްގެ ފަރާތުންނެވެ. އެކަމަކު މިކަން ރަސްމީ އިދާރާއަކުން ހާމަކޮށްފައެއް ނުވެ އެވެ.
“ކޭސް އާ ގުޅިގެން ކޮންޓެކްޓް ޓްރޭސިން އާއި މޮނިޓާކުރުން ދަނީ ކުރިއަށް، އިތުރު ކޭސްއެއް އަދި މިހާތަނަށް ނުފެނޭ” އެޗްޕީއޭގެ މީޑީއާ އޮފިޝަލް ވިދާޅުވި އެވެ.
އިންވޭސިވް މެނިންގޯކޮކަލް އަކީ ބެކްޓީރިއާއަކުން ޖެހޭ، ސިރިއަސް ބައްޔެކެވެ. ރާއްޖޭގައި މިބަލީގެ ފެނިފައިވާ މަދު ކޭސްތަކަކީ އާއްމުގޮތެއްގައި ރާއްޖެއިން ބޭރުން އިންފެކްޝަން ޖެހިފައިވާ ފަރާތްތަކެވެ. އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ހަމުގައި ރަތް ބިހިތަކެއް ނެގުން، ބޮލުގައި ރިއްސުން ހިމެނެއެވެ. ބަލީގައި ބޮޑުވަރުވުމުން ސިކުނޑިއަށް އަސަރު ކުރުން (މެނިންޖައިޓިސް) އަދި މުޅި ހަށިގަނޑަށް އިންފެކްޝަން ފެތުރުން (ސެޕްސިސް) އެކަށިގެންވެ އެވެ.
މެނިންގޯކޮކަލް ބަލި ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރީއާއިންނެވެ. ބަލި ޖެހިފައިވާ މީހާއާ އެކު ގިނަވަގުތު ވަރަށް ގާތްކޮށް އުޅޭ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ. މި ބަލީގެ އަލާމާތްތައް ފެންނާނީ ބަލިޖެހޭތާ 1 ދުވަހާއި 10 ދުވަހާ ދެމެދުގައެވެ.
ބަލި ޖެހުމުގެ ފުރުސަތު އެންމެ ބޮޑީ ބަލިމީހާއާ ވަރަށް ގާތްކޮށް ގިނަވަގުތު ހޭދަކުރާ ފަރާތްތަކެވެ.