މޫސުމީ ނޭދެވޭ ބަދަލުތަކަށް ވިލުންތެރިކަން ހޯދެން އޮތީ އިގްތިސާދީ ފުދުންތެރިކަން އިތުރުކުރެވިގެން ކަމަށާއި، މި އަމާޒަށް ވާސިލުވުމަށްޓަކައި ރާއްޖެއިން މިހާރުވެސް މުހިންމު ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އެހެން ވިދާޅުވީ ބައިނަލްއަގުވާމީ ފެންވަރުގައި މިއަދު ފާހަގަކުރާ ދުނިޔޭގެ ކަނޑުތަކުގެ ދުވަހާ ގުޅިގެން ފޮނުއްވި މެސެޖުގަ އެވެ.
ރައީސް ފޮނުއްވި މެސެޖުގައި، ކަނޑުތައް ހިމާޔަތް ކުރަންޖެހޭކަން އެއީ،ރާއްޖެއާއި ދިވެހިން ގަބޫލުކުރާ ހަގީގަތެއް ކަމުގައި ވިދާޅުވި އެވެ. އަދި ކަނޑުތަކަކީ ދިވެހި ގައުމު ރައްކާތެރިކަމާއެކު ދެމިއޮތުމުގެ މުހިން މަސްދަރެއް ކަމަށާ، ދިވެހި އިގްތިސާދުގެ ހަކަތައަކީވެސް އެއީ ކަމުގައި ރައީސް ވިދާޅުވި އެވެ. ދިވެހި ސަގާފަތް ބައްޓަންކުރުމުގެ އިތުރަށް، ދިވެހިވަންތަކަމުގެ ބިންގަލަކީވެސް ދިވެހި ކަނޑުތައްކަން، ރައީސް މެސެޖުގައި ސިފަކުރައްވާފައިވެ އެވެ.
މި ހުރިހާ ކަމެއް މިހެން އޮތް އިރު، މޫސުމީ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެފައިވާ ހިރާސްތަކުގެ މައްޗަށް އެމަނިކުފާނުގެ މެސެޖުގައި އަލިއަޅުވާލެއްވި އެވެ. މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ލޮނުގަނޑުގެ ފިނިހޫނުމިން އުފުލި، ފަރުތަކުގެ މުރަކަތައް ހަލާކުވެ، ގައު ހުދުވުމުގެ އިތުރަށް، މަސްއައިންތަކުގެ ހިޖުރައިގެ އުސްލޫބަށްވެސް ބަދަލު އަންނަކަން ފާހަގަކުރެއްވި އެވެ. ރާއްޖެ ފަދަ ޤައުމަކަށް، މިކަންކަމަކީ މިހާރުން މިހާރަށް ސަމާލުކަން ދޭންޖެހޭ، އިގްތިސާދީ ހަގީތްތަކެއް ކަމުގައިވެސް ރައީސްގެ މެސެޖުގައި ވިދާޅުވި އެވެ.
ކަނޑުތައް ހިމާޔަތް ކުރުމަށްޓަކައި ދިވެހިރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކުގެ މައްޗަށް މެސެޖުގައި އަލިއަޅުވާލެއްވިއެވެ. އެގޮތުން މުރަކައިގެ ދިރުންތައް ރައްކާތެރިކޮށް އާލާ ކުރުމަށް ހިންގާ ހަރަކާތްތަކާއި، ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކުރުމާއި، ދެމެހެއްޓެނިވި ގޮތެއްގައި އިގްތިސާދު ސިންދަފާތު ކުރުމަކީ މި މޭރުމުން ރާއްޖެއިން އަޅަމުންދާ ބައެއް ފިޔަވަޅުތައްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. ކުރިއަށް އޮތީ ސައިންސާއި، އިޔާދަކުރަނިވި ހަކަތައިގެ ރޮނގުން އައު ފުރުސަތުތައް ފަހިކޮށް، މަސްވެރިކަން ކުރިއަރުވައި، ކަނޑުތަކުން ލިބެން ހުރި ނިއުމަތްތައް ދެނެގަތުމުގެ އީޖާދީ މަސައްކަތްތައް ކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.
އެގޮތުން، ދިރާސާކޮށް ޓެކްނޮލޮޖީގެ އަލީގައި، މީގެ ކުރިން އެއްވެސް އަގެއް ނެތި ކުނީގެ ގޮތުގައި އުކާލަމުން އައި ތަކެތިން އައު ތަކެތި އުފެއްދުމުގެ ދާއިރާގައި ވުނަކުރުމާއި، ރާއްޖޭގައި ފަރުމާކޮށް އުފެއްދިދާނެ ތަކެއްޗާއި، އުފެއްދުންތެރިކަން އިތުރުކުރެވޭނެ، އޮޓޯމޭޝަންގެ ދާއިރާގައި ވުނަކުރުމަށް ރައީސްގެ މެސެޖުގައި ވައުދުވެވަޑައިގެންފައިވެ އެވެ.
ރައީސް މެސެޖު ނިންމަވާލައްވާފައި ވަނީ، ކޮންމެމީހަކީވެސް ކަނޑުތައް ހިމާޔަތްކޮށް، ކަނޑުތަކާބެހޭ މައުލޫމާތު އެނގޭ މީހަކަށް ވުމަށް ގޮވާލައްވަމުންނެވެ.