
ރާއްޖޭގައި ތިބި ޢިލްމުވެރިންނަށް ވުރެ ދީނީ ޢިލްމަށް މޮޅުވާނެ ކަމަށް ރައްޔިތުންގެ ޑިމޮރެޓިކް ޕާޓީގެ ކުރީގެ ޗައަރޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ ޑިމޮރެޓިކް ޕާޓީގެ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މޫސަ ވިދާޅުވީ، ސިޔާސީ ގޮތުން ނިކުންނަ ދަންނަބޭކަލުންނަކީ ޤައުމަށް ހުރި މުސީބާތެއް ކަމަށެވެ. އަދި އެފަދަ ދަންނަބޭކަލުން އެއްޗެއް ކިޔަވައިގެން ތިއްބަސް މަޑުމަޑުން ގޭތެރޭގައި ވާހަކަ ދައްކާލައިގެން ތިބުމަށް އެދޭކަމަށް މޫސަ ވިދާޅުވިއެވެ.
“ތިބޭފުޅުން އަޅުގަނޑަކީ ދަންނަބޭކަލެއް ނޫނޭ ބުނޭ. އަޅުގަނޑު މާމޮޅުވާނެ މިހާރު އުޅޭ ދަންނަބޭކަލުންނަށް ވުރެ. އަޅުގަނޑަށް ވަރަށް ރަނގަޅަށް އިނގޭތީ މި ދަންނަވަނީ.” މޫސާ މަނިކު ވިދާޅުވިއެވެ.
މީގެ އިތުރުން އެމްޑީޕީއަކީ ހަރާމް ކަންކަން ކުރާ ބައެއް ކަމަށް، މުރުތައްދުވެފައިވާ ބައެއް ކަމަށް ބުނެއުޅޭ ކަމަށާއި އެފަދައިން ބުނެ އުޅޭ ދަންނަބޭކަލުންނަކީ އެއްވެސް ގޮތެއް ފޮތެއް ނެތް ބައެއް ކަމަށް ރީކޯ ވިދާޅުވިއެވެ. އަދި މާތް ﷲގެ ރަސްކަންފުޅު ޤަބޫލުކޮށް، ޝަހާދަތުގެ ދެކަލިމަ ކިޔައި، އިސްލާމީ ރުކުންތައް ގަބޫލުކޮށްގެން ހުރި މީހަކާ ދިމާލަށް ކާފަރެކޭ ބުނާ މީހަކީ ކާފަރެއް ކަމަށާއި އެ މީހަކު ތައުބާވާންޖެހޭނެ ކަމަށް ވެސް މޫސާ މަނިކު ވިދާޅުވިއެވެ.

