
ޗިއާ ސީޑަކީ ހަށިގަނޑަށް ވަރަށް ގިނަ ފައިދާ ކުރާ އެއްޗެކެވެ. އޭގެ ތެރޭގައި ބްލަޑް ޕްރެޝަރު ދަށް ކުރުމާއި ކޮލެސްޓްރޯލް ދަށްކުރުމާއި، ހަމަޖަމުގެ ނިޒާމަށް ވެސް ފައިދާ ހުރި އެއްޗެކެވެ. އަދި ބަރުދަން ލުއި ކުރުމަށް ވެސް ޗިއާ ސީޑު ވަރެއް ނެތެވެ.
ނަމަވެސް މިފަހަރު މި ކިޔައިދެނީ ޗިއާ ސީޑު ބޭނުން ކޮށްގެން މޫނު މަތީ ހުންނަ ޑާކް ސްޕޮޓްތަކާއި ލައްތައް ދުއްވާލަން ފޭސްމާސްކް ހަދާލެވޭނެ ގޮތެކެވެ.
ޗިއާ ސީޑަކީ ކާއެއްޗެހީގައި ބޭނުން ކުރުމުގެ އިތުރުން ހަންގަނޑަށް ވެސް ފައިދާ ހުރި އެއްޗެކެވެ. ސްކިންކެއާ ރޫޓީންގައި މީތި ހިމަނައިގެން ލިބޭނެ ފައިދާ ގިނަ އެވެ. ހާއްސަ ގޮތެއްގައި އެކްނޭ ލައްތައް ހުންނަ ފަރާތްތަކުން މި ރެސިޕީތަކުން ފޭސް މާސްކް ތައްޔާރު ކޮށްލައިގެން ޓެސްޓްކޮށްލުން ރަގަޅެވެ.
ޗިއާ ޖެލް ފޭސްމާސްކް
- 2 ސައިސަމުސާ ޗިއާ ސީޑް
- 1 ސައިސަމުސާ މާމުއި (މޮއިސްޗަރައިޒާއަކަށް ބޭނުންކުރަން)
- 1 ސައިސަމުސާ ލުނބޯ ހުތް
މި ރެސިޕީއަށް ފޭސް މާސްކް ހެދުމުގެ ގޮތުން ކުޑަ ފެން ފޮދެއްގައި ގާތްގަނޑަކަށް ގަނޑިއިރެއް ވާންދެން ފޯކޮށްލާށެވެ. ޗިއާ ސީޑުތައް ޖެލްއަށް ބަދަލުވުމުން ދެން މާމުޔާއި ލުނބޯ ހުތްކޮޅު އަޅައިގެން އެއްކޮށްލާށެވެ. އެއަށްފަހު މޫނުގައި އުނގުޅާށެވެ. ގާތްގަނޑަކަށް 20 މިނެޓު މި މާސްކް މޫނު މަތީގައި ބަހައްޓަންވާނެ އެވެ. އެއަށްފަހު ތާފަނާ ފެންކޮޅަކުން މޫނު ދޮވެލާށެވެ.
ޗިއާ ސީޑް އާއި ޔޯގަޓް ފޭސްމާސްކް
- 2 ސައިސަމުސާ ޗިއާ ސީޑް
- 2 ސައިސަމުސާ ޕްލެއިން ޔޯގަޓް
- 1 ސައިސަމުސާ ރީނދޫ
މި ރެސިޕީއަށް ފޭސް މާސްކް ހެދުމުގެ ގޮތުން ކުޑަ ފެން ފޮދެއްގައި ގާތްގަނޑަކަށް ގަނޑިއިރެއް ވާންދެން ފޯކޮށްލާށެވެ. ޗިއާ ސީޑުތައް ޖެލްއަށް ބަދަލުވުމުން ދެން ޔޯގަޓާއި ރީނދުލާ އެއްކޮށްލުމަށްފަހު މޫނުގައި ހާކާށެވެ. ގާތްގަނޑަކަށް 20 މިނެޓު ބެހެއްޓުމަށްފަހު ފިނި ފެނުން މޫނު ދޮވެލާށެވެ.
ހަމުގެ ހާއްސަ ޑޮކްޓަރުން ބުނާ ގޮތުގައި ޗިއާ ސީޑަކީ ހަށިގަނޑަށް ހުރިހާ ގޮތަކުން ވެސް ފައިދާ ހުރި އެއްޗެކެވެ. ހަށިގަނޑަށް ބޭނުންވާ އެތައް މުހިންމު މާއްދާއެއް މީގެއިން ލިބެ އެވެ.

