ދިވެހި މުޖުތަމައުން މިއަދު ފެންނަމުންދާ ނޭދެވޭ އަމަލުތަކުގެ ޒިންމާ ނަގަން ޖެހޭނީ ބިރަކާ ނުލާ މަޖާކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ހިތްވަރުދިން މީހުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އެހެން ވިދާޅުވީ ވިދާޅުވީ ފުލުހުންގެ ހިދުމަތުގެ 92 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މާލޭގެ ހެންވޭރުގައި ހުންނަ ގެއަކުން ގުދަނެއްގެ ފުރާޅު މައްޗަށް ޒުވާން އަންހެނަކު ހާދިސާއަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ އެއީ ވަރަށް ހިތާމަވެރި ހާދިސާއެއް ކަމަށެވެ.
“ވަރަށް ހިތާމަވެރި ހާދިސާއެއް. މި ކަމުގައި އެންމެ ބޮޑު ޒިންމާއެއް ނަގަން ޖެހޭނީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަދި އިންސާފަށް ލޯބިކުރާ ކޮންމެ މީހަކު ވެސް ގަބޫލު ކުރާނީ ބިރަކާ ނުލައި މަޖާކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ޕްރޮމޯޓްކުރި މީހުން މީގެ އަހަރުތަކެއް ކުރިން،” ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އިސްލާމްދީނުގައި ކަނޑައެޅިފައި ހުރި އުސޫލުތަކާއި ހަމަތަކަކީ މުހިންމު ނޫން ކަންކަމުގައި ވިސްނައިދީ ޒުވާން ކަމުގައި ބޭނުން ގޮތަކަށް އުޅުމަށް ހިތްވަރުދިން މީހުން މިއަދު ވެސް ސިޔާސީ ބޭނުމެއްގައި އެ ކުދިންގެ ބޭނުން ހިފުމަށް މަސައްކަތް ކުރަމުންދާ ކަމުގަ އެވެ.
“އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގައި ކަނޑައެޅިފައި ހުރި އިންތަކާއި މިންތަކާއި އުސޫލުތަކާއި ހަމަތަކަކީ އެއީ މާ މުހިންމު ކަމެއް ނޫނޭ ބުނެ، މަޖާކުރާށޭ. ޒުވާންކަމުގެ ތި ކުދިން ބޭނުން ގޮތަކަށް އުޅޭށޭ ކިޔާފައި ހިތްވަރުދިން މީހުން މިއަދު ސިޔާސީ ބޭނުމެއްގައި ނުކުމެ، އެ ކުދިން މިސްޔޫސް ކުރަމުންދާ ދިއުން ލޯ ހުޅުވައި ބަލަން އެބަ ޖެހޭ،” ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ މަގުން ދިޔައީ ކުދިން ދިޔައީ ސިޔާސީ އޮއިވަރެއްގައި ޖައްސައިގެން އިސްލާމްދީނުގެ ހަމަތަކާއި އުސޫލުތަކާއި ގައުމުގައި އޮތް ރީތި އާދަތަކުން ނެރެ އެހެން މަގަކުން ގެންދިއުމަށް ކުރި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ކަމަށެވެ.
“އެ ކުދިން އެ މަގުން ދިޔައީ ސިޔާސީ އޮއިވަރެއްގައި ޖައްސައިގެން. މި ގައުމުގައި އޮތް މާތްވެގެންވާ އިސްލާމްދީނުގެ ހަމަތަކާއި އުސޫލުތަކާއި އަޅުގަނޑުމެންގެ ތެރޭގައި އޮތް ރީތި އާދަތަކުން ބޭރަށް މި ގައުމު އެހެން މަގަކުން ގެންދަން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އޭގެ ވިކްޓިމައިޒް ވެފައި ތިބި ޒުވާނުންތަކެއްގެ ބޭނުން ކޮށްގެން ސިޔާސީ ފައިދާ ނަގަން އުޅޭ އުޅުމުގެ ތެރެއަށް ދިވެހި ލޮބުވެތި ރައްޔިތުން ވަނުމަކީ ކޮށްގެން ވާނެ ކަމެއް ނޫން،” ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ރައްޔިތުން ވާން ޖެހޭނީ ތެދާއި ދޮގު ވަކިކުރަން އެނގެން ޖެހޭ ބަޔަކަށް ކަމުގަ އެވެ. ޖަޒުބާތުގައި ޖެހި ބަޔަކު ދައްކާހާ ވާހަކައަކަށް ސިކުނޑި ދޫކޮށްލައިގެން ނުވާނެ ކަމަށާއި އަމިއްލަ ސިކުނޑިން ވިސްނައިގެން ތެދު ދޮގު ބެލޭ ބަޔަކަށް ވާން ޖެހޭ ކަމުގައި ފާހަގަކުރެއްވި އެވެ.
“ކާކުކަން ނޭނގޭ މީހުން ފަތުރާ އެކި ކަހަލަ ދޮގު ވާހަކަތަކުގައި ޖެހި އެ ދޮގުތަކުގެ އަޅުންގެ ގޮތުގައި އަޅުގަނޑުމެން ވެގެން ނުވާނެ،” ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ ވިސްނުމުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަކީ އޮޕްޝަނެއް ނޫން ކަމަށެވެ. އެއީ ޒިންމާއަކާއި ވާޖިބެއް ކަމުގައި ފާހަގަކުރެއްވި އެވެ.