މ. އަތޮޅުގައި ތަރައްގީކުރި ފުރަތަމަ އެއާޕޯޓު، މުލި އެއާޕޯޓު އާންމު ދަތުރުތަކަށް ހުޅުވާލައިފި އެވެ.
މުލި އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ފަށާފައި ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި 2021 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގަ އެވެ.
މަސައްކަތް ހަވާލުކުރި އެމްޓީސީސީން ވަނީ މަޝްރޫއަށް ބޭނުންވާ 14 ހެކްޓަރުގެ ބިން ހިއްކައި، 1،812 މީޓަރު ސަރަހައްދެއްގެ ގޮނޑުދޮށް ހިމާޔަތްކޮށްފަ އެވެ. އެތެރޭގެ އުދުހުންތަކަށް ހާއްސަކޮށް ތަރައްގީކުރި އެއާޕޯޓުގައި 1،200 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއެއް ވަނީ އަޅާފަ އެވެ.
މުލި އެއާޕޯޓުގެ މަސައްކަތް ނިންމައި ޓެސްޓު ފްލައިޓް ޖައްސާފައި ވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ. އެއާޕޯޓުގެ ޓެކްނިކަލް އެސެސްމަންޓުތައް މިހާރު ފުރިހަމަކޮށްފައިވާއިރު، މި މަހުގެ 15 ވަނަ ދުވަހު ހުޅުވުމަށް ދަނީ ތައްޔާރުވަމުންނެވެ.
ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރުއޭސީއެލް) އިން އިއްޔެ ބުނީ އެ އެއާޕޯޓުގެ ކޮމާޝަލް އޮޕަރޭޝަންތައް ފެށުމަށް އެތެރޭގެ ދަތުރުތައް ކުރާ ގައުމީ އެއާލައިން، މޯލްޑިވިއަން އާއި ވިލާ އެއާ އަދި މަންތާ އެއާލައިނަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އާރުއޭސީއެލްގެ ދަށުން ހިންގަން ނިންމާފައިވާ އެއާޕޯޓުގެ މަސައްކަތަށް ބޭނުންވާ ބައެއް މުވައްޒަފުން މިހާރު ވަނީ ނަގާފަ އެވެ.