
ވިޔަފާރި ބަނދަރުގައި މުދާ އުފުލާ ލޮރީތަކުގެ ޑްރައިވަރުންނަށް ދިމާވާ ދަތިތައް ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފިއެވެ.
ވިޔަފާރި ބަނދަރުގައި މުދާ އުފުލާ ލޮރީތަކުގެ ޑްރައިވަރުންނަށް ދިމާވާ މައްސަލަތަކާ ގުޅޭ ގޮތުން އެ ޑްރައިވަރުންނާއެކު ރައީސް އޮފީހުގައި މިއަދު ވަނީ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައެވެ.
އެބައްދަލުކުރެއްވުމުގައި މާލޭ ވިޔަފާރި ބަނދަރުގައި މުދާ އުފުލާ ލޮރީތަކުގެ ޑްރައިވަރުން ވަނީ އެބޭފުޅުންގެ މަސައްކަތުގައި ކުރިމަތިވާ މައްސަލަތަކާއި ދަތިތަކުގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާ އާއި ހިއްސާ ކުރައްވާފައެވެ. އަދި، އެ މައްސަލަތައް ހައްލު ކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން އެބޭފުޅުންވަނީ ރައީސުލްޖުމްހޫރިއްޔާ އާއި މަޝްވަރާ ވެސް ކުރައްވާފައެވެ.
ރައީސް މުއިއްޒު ވަނީ ޑްރައިވަރުންގެ އެ ކަންބޮޑުވުންތަކާއި ހުށަހަޅާފައިވާ ކަންތައްތަކަށް ވީހާވެސް ރަނގަޅު ހައްލެއް ހޯއްދަވައިދެއްވުމަށް ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކާއި ގުޅިވަޑައިގެން މަސައްކަތް ކުރައްވާނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވައިފައެވެ.
ޑްރައިވަރުން ފާހަގަކުރި މައްސަލަތަކާއި އެދުނު ކަންކަން
- މުދާ އުފުލުމުގެ މަސައްކަތުގައި ގެންގުޅޭ ލޮރީތަކަށް ބަނދަރާއި ކައިރި ސަރަހައްދަކުން ޕާކިން ހަމަޖެއްސުމާއި ވެހިކަލްތަކުގެ ވެރިފަރާތް ބަދަލުކުރުމުގައި ދިމާވާ ދަތިތައް
- ވެހިކަލްތަކަށް ސްޕެއާ ގެނައުމުން އެތަކެތި ބޮންޑުކުރުމުގެ ސަބަބުން ދިމާވާ ދަތިތައް
- ލޮރީ ކިއުގައި ހުރި މައްސަލަތަކަށް ހައްލުގެނައުމަށް ކުރެވިދާނެ ކަންކަން ރައީސްއަށް ދެންނެވި
- ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތާއި އެއްގޮތަށް މުދާ ކްލިއަރ ކުރުމުގެ މަސައްކަތުގައި ބޭނުންކުރުމަށް ތައްޔާރުކުރެވޭ އެޕްގެ މަސައްކަތް އަވަސްކުރަށް ވެސް އެދުނު
- އައު އުޅަނދެއް އެތެރެކުރުމުން ސަރުކާރުން ކަނޑައަޅާ ގޮތެއްގެ ތެރެއިން މިހާރު ބޭނުންކުރާ ބާއުޅަނދު ނައްތާލައި، އަލަށް ގެނައި އުޅަނދު ބާ އުޅަނދުގެ ބަދަލުގައި ރަޖިސްޓްރީކޮށްދިނުމަށް ޑްރައިވަރުން އެދުނު
ޑްރައިވަރުން ވަނީ އެ ބޭފުޅުން ކުރާ މަސައްކަތަކީ އެހެން ވަޒީފާތަކެކޭ އެއްގޮތަށް ސަރުކާރުން ބަލައިގަންނަ ސައްހަ ލިޔެކިޔުމާއެކު މަސައްކަތްކުރާ ބައެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވުމަށް ވެސް އެދިފައެވެ.

