މުދާ ހިފައިގެން ދަތުރުކުރި ދޯންޏެއް އަޑިއަށް ގޮސްފި އެވެ.
އެމްއެންޑީއެފްއިން މިއަދު މެންދުރު ބުނީ އަޑިއަށް ދިޔައީ މާލެއިން ފުރައިގެން ޅ.ނައިފަރަށް ދަތުރުކުރަމުން ދިޔަ ދޯންޏެއް ކަމަށެވެ.
އެ ބޯޓުން ދަތުރުކުރި ފަސް ފަޅުވެރިން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ އެހީތެރިކަމާ އެކު ޅ.ނައިފަރަށް ގެންގޮސްދީފައިވާ ކަމަށް ވެސް އެމްއެންޑީއެފްއިން ބުންޏެވެ.
އެނގިފައިވާ ގޮތުން އެ ދޯނި އަޑިއަށް ދިޔައީ ޅ. އަޅުވެލިފުށި ކައިރިއަށެވެ. އެ ދޯނީގައި ހުރި ބައެއް މުދާތައް އޮޔާދާތީވެ އެ ސަރަަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ވެސް އެމްއެންޑީއެފްއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
މުދާ އުފުލާ ދޯންޏެއް އަޑިއަށް ދިޔައިރު ރޭ ދަންވަރު މާލެއިން ފުރައިގެން އެރިޔަދޫ ރިސޯޓަށް ދަތުރުކުރަމުން ދިޔަ ކޮޅުވެއްޓިއެއްވެސް ވަނީ އަޑިއަށްގޮސްފަ އެވެ. އެ ހާދިސާގައި ތިން މީހަކު ގެއްލުނުއިރު ދެ މީހެއްގެ ހަށިގަނޑު މިހާރު ވަނީ ފެނިފަ އެވެ.
މި ދުވަސްވަރު މޫސުން ގޯސްވެ ކަނޑުތައް ގަދަވެފައިވާ އިރު ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫނީ ނުކުރަން ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.