
މުދަލުގެ އަގު ކަނޑައެޅުމުގެ ހަރުދަނާ އުސޫލުތަކެއް މޯލްޑިވްސް ކަސްޓަމްސްއިން ގާއިމުކޮށްފިއެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދިމާވާ ގޮންޖެހުންތައް އޮޅުންފިލުއްވުމަށް މިދިޔަ މަހުގެ 17ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އެފަދަ ވިޔަފާރިވެރިންނާ ބައްދަލުކުރައްވައިފައެވެ. އަދި އެ ބައްދަލުކުރެއްވުމުގައި، ކަސްޓަމްސްއަށް ވެރިފައިބަލް ލިޔެކިޔުމާ އެކު އިންވޮއިސްގެ އަގު ފާސްކުރުމަށް ހުށަހަޅާ އަގަށް ވުރެ ބޮޑު އަގެއް ކަނޑައަޅާ މައްސަލަ ހައްލުކޮށްދިނުމަށް ވިޔަފާރިވެރިން އޮތީ އެދިފައެވެ.
ކަސްޓަމްސްއިން ބުނީ ވިޔަފާރިވެރިން އެދުނުގޮތަށް އެ މައްސަލަ ހައްލުކުރުމަށް ކަސްޓަމްސްއިން މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެގޮތުން ކަސްޓަމްސްގެ ޤާނޫނުގެ 63ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަންގެ “އެގްރީމަންޓް އޮން އިމްޕްލިމެންޓޭޝަން އޮފް އާޓިކަލް VII އޮފް ދަ ޖެނެރަލް އެގްރީމަންޓް އޮން ޓެރިފްސް އެންޑް ޓްރޭޑް 1994” އާ އެއްގޮތްވާ ގޮތުގެ މަތިން، މުދަލެއްގެ ކަސްޓަމްސްގެ އަގު ކަނޑައެޅުމުގައި އަސާސީ އުސޫލު ކަމަށް ބަލާނީ، އެ މުދަލެއްގެ މުޢާމަލާތުގެ އަގު ނުވަތަ “ޓްރާންސެކްޝަން ވެލިއު”އަށް ބަލައިގެން ކަމަށް ކަސްޓަމްސްއިން ބުންޏެވެ.
އެހެންކަމުން ވެރިފައަބަލް ލިޔެކިޔުމާއެކު މުދަލުގެ އަގު ކަނޑައެޅުމަށް ކަސްޓަމްސްއަށް ހުށަހެޅުމުން އެ އަގު ގަބޫލުކުރާނެކަމަށް ވެސް ކަސްޓަމްސްއިން ބުންޏެވެ.
އަދި ވެރިފައަބަލް ލިޔެކިޔުން ހުށަހަޅާފައި ނުވާނަމަ އެގްރީމަންޓަށް ރިޔާއަތްކޮށް ކަސްޓަމްސްއަށް ހުށަހެޅި އަގު 25 އިންސައްތައަށް ވުރެ ބޮޑުކުރަން ޖެހިއްޖެނަމަ، ވެރިފަރާތުން ރިކުއެސްޓް ނުކުރި ނަމަވެސް އެ މުދަލާ ގުޅޭގޮތުން ކަސްޓަމްސްއިން އިތުރު ބެލުންތައް ބަލާނެކަމަށް ބުންޏެވެ.
ކަސްޓަމްސްއިން ބުނީ ވެރިފިކޭޝަން ހެދުމުގެ އިތުރު މަރުޙަލާއެއް ކުރިއަށް ގެންގޮސް، އަގު ރިވިއު ކުރެވޭނެ ހަރުދަނާ ޕްރޮސެސްއެއް މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ގާއިމުކޮށްފައިވާ ކަމަށެވެ. އަދި ބަދަލުކުރާ އަގު، ހުށަހެޅި އަގުގެ 25 އިންސައްތަ ކުޑަނަމަ، މިހާރުވެސް އަމަލުކުރާ އުސޫލުން 3 މަރުޙަލާއެއްގައި، އެ އަގު ރިވިއުކޮށްދިނުމަށް ރިކުއެސްޓް ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

