
އައްޑޫ ސިޓީގެ ސްކޫލެއްގައި މުދައްރިސަކާ ދަރިވަރު މާރާމާރީ ހިންގި މައްސަލަ ފެންމަތިވެފައި ވަނިކޮށް އެ ދަރިވަރުގެ އިތުރު ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
މި ވީޑިއޯތަކުން ދައްކާ ގޮތުގައި އެ ދަރިވަރު ވަނީ އެހެން މުދައްރިސަކަށް ވެސް އަނިޔާކޮށް، ނޭދެވޭ އަމަލުތައް ހިންގައިފައެވެ.
އާންމުވި އެއް ވީޑިއޯއިން ފެންނަ ގޮތުގައި އެ ދަރިވަރު މުދައްރިސެއްގެ އިސްތަށިގަނޑުގައި ލައިޓަރެއް ޖައްސާ މަންޒަރު ފެނެއެވެ. އަދި ކްލާހެއްގެ ތެރޭގައި ގިނަ ދަރިވަރުން ތިއްބާ، އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެއްގެ ބަދުއަޚްލާގީ ޢަމަލެއް ކަމަށް ލަފާކުރެވޭ ޢަމަލެއް ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
އިއްޔެ ފުރަތަމަ އާންމުވި ވީޑިއޯއިން ފެނުނީ ދަރިވަރަކާއި ޓީޗަރެއް މާރާމާރީގެ އަމަލެއް ހިންގާ ތަނެވެ. މި އަމަލު ހިންގި ޓީޗަރު މިހައިރު ވަނީ ސަސްޕެންޑްކޮށްފައެވެ.
ސޯޝަލް މީޑިއާގައި އާންމުވި ހަޑިހުތުރު އަމަލުތަކުގެ ވީޑިއޯގެ ސަބަބުން އާންމުންގެ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

